ވެލެންސިއާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ރެލިގޭޝަން ޒޯނުން މައްޗަށް ޖެހިލުމުގެ އުއްމީދު ގްރީން ސްޓްރީޓްސްއިން ދަމަހައްޓައިފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ، އެ ދެ ޓީމު ބައްދަލު ކުރި މެޗުގެ ނަތީޖާ ދިޔައީ ފުރަތަމަ ބުރުގައި އެ ދެ ޓީމުގެ ކުރިމަތިލުމާ ތަފާތު ކޮށެވެ.

ފުރަތަމަ ބުރުގައި ވެލެންސިއާއިން ވަނީ ގްރީންގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދާފަ އެވެ.

ދެވަނަ ބުރުގެ ކުރިމަތިލުން ގްރީން އިން ކާމިޔާބު ކުރީ މިސްރުގެ މިޑްފީލްޑަރު އަލް ސައީދު މަހްމޫދު މެޗުގެ ކުރީކޮޅުގައި ކާމިޔާބު ކުރި ލަނޑުންނެވެ.

ވެލެންސިއާގެ ހާފުގެ މެދެއްހާ ހިސާބުން ދަނޑުގެ އަރިމަތިން، ގްރީންގެ ކުޅުންތެރިޔަކު މަތިމަތިން ނަގައިދިން ބޯޅަ ތިރިވީ އަލް ސައީދު ހުރި ދިމާލަށެވެ. އޭނާ ވަނީ ވެއްޓިގެންފައި ތިރިތިރިން އެ ބޯޅަ ގޯލްގެ ތިރީ ކަނަށް ވައްދައިލައިފަ އެވެ.

ދަނޑުގެ އަރިމަތީގައި ހުރެފައި ގްރީންގެ ކުޅުންތެރިޔާ އެ ބޯޅަ ފޮނުވާލާނެކަމަށް، ވެލެންސިއާގެ ކުޅުންތެރިން ތިބީ ތައްޔާރު ވެގެނެއް ނޫނެވެ.

މެޗުން މޮޅުވެ، ގްރީން ވަނީ ތާވަލުގެ ހަތްވަނަ އަށް ޖެހިލާފަ އެވެ. އެކަމަކު ހަވަނަ ވަނައިގައި އޮތް ވިކްޓަރީ އާއި ގްރީންއާ ދެމެދު ފަސް ޕޮއިންޓްގެ ފަރަގު އެބަހުއްޓެވެ.