ދވެހި ޕްރިމިއާ ލީގެ ދެވަނަ ބުރުގައި ވިކްޓަރީއާ ގުޅުނު ފޯވާޑް މިލޯސް ލަޗްނީގެ ދެ ލަނޑާ އެކު ގްރީން ސްޓްރީޓްސް ބަލިކޮށް ވިކްޓަރީން ފޯމުގައި ދަހަމައްޓައިފި އެވެ.
ލީގުގެ ފުރަތަމަ ބުރުގައި ވިކްޓަރީ އަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ލިބޭ ފުރުސަތުތައް ނިންމާނުލެވުމެވެ. އެ ޓީމަށް ގެނައި ބްރެޒިލްގެ ފޯވާޑް ވަލްޑަމީރް އެވަޓަންއާ އެކު ވެސް އެ ހައްލު ނުލިބުމުން ވިކްޓަރީން ގެނައީ ސްލޮވާކިއާގެ އުމުރުފުރާތަކުގެ ގައުމީ ޓީމަށް ވެސް ކުރިން ކުޅެފައިވާ ލަޗްނީ އެވެ.
ވިކްޓަރީގެ ކޯޗު ގާގެލީ ގެރީ ލަފާ ދީގެން ވިކްޓަރީން އުމުރުން 37 އަހަރުގެ ފޯވާޑް ލަޗްނީ ގެނައި އެ ކްލަބްގެ އޮފިޝަލަކު ބުނި ގޮތުގައި "ބޮކްސް ސްޓައިކަރެއް" ބޭނުންވާތީ އެވެ.
ގެރީ ވެސް ނިސްބަތްވާ ސްލޮވާކިއާގެ ފޯވާޑް ވަނީ އޭނާ ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.
ފުރަތަމަ ބުރުގައި ވިކްޓަރީ އަށް މޮޅުވެވުނީ ތިން މެޗުންނެވެ. ދެވަނަ ބުރުގައި ކުޅުނު ތިން މެޗު ވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި މިދިޔަ ހަފުތާގައި ވާދަވެރި ނިއު ރޭޑިއަންޓް އަތުން ފަހަތުން އަރައި 3-1 ން މޮޅުވި މެޗު ވެސް ހިމެނެ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ވިކްޓަރީ އަށް ލީޑް ނަގައި ދިނީ ވެސް ލަޗްނީ އެވެ.
ވިކްޓަރީގެ ހާފުގެ ތެރެއިން އެ ޓީމުގެ އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) ކުރިއަށް ދިން ބޯޅަ ލަޗްނީ ހޯދީ ސެންޓަ ސާކަލް ތެރެއިން މެދު ރޮނގު މަތިންނެވެ. އޭރު ގްރީންގެ އެންމެ ޑިފެންޑަރެއް ފިޔަވައި އައުޓްފީލްޑް ހުރިހާ ކުޅުންތެރިން ތިބީ ވިކްޓަރީގެ ހާފުގެ ތެރޭގަ އެވެ.
ލަޗްނީ ބޯޅަ ހިފައިގެން ކުރިއަށް އަރައިގެން ގޮސް އޭރިއާ ތެރެއަށް ވަދެ އިތުބާރާ އެކު ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ.
ވިކްޓަރީގެ ދެވަނަ ލަނޑު 25 ވަނަ މިނެޓްގައި ޖެހީ އަލީ ޝާމިސް (ތޮއްޕެ) އެވެ. އޭނާ ލަނޑު ޖެހީ ވިކްޓަރީގެ ކުޅުންތެރިޔަކު ގްރީންގެ އޭރިއާގެ ތެރެއަށް ނެގި ހުރަސް ކޮންޓްރޯލް ކޮށްލުމަށް ފަހު އެވެ. އޭނާ ބޯޅަ ކޮންޓްރޯލް ކޮށްލަށް އުޅުމުން ގްރީންގެ ކީޕަރު އޯޖޯ އެ ބޯޅަ އަށް ކުރިމަތިވެސްލި އެވެ.
އެކަމަކު ކީޕަރު ކައިރިން ވެސް ނައްޓާލުމަށް ފަހު ތޮއްޕެ ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަޗްނީ ވަނީ ލިބުނު ޕެނަލްޓީއަކުން ވިކްޓަރީ އަށް ނަތީޖާ ފުޅާކޮށް ދީފަ އެވެ. ގްރީންގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔަކު ލަޗްނީ އަށް ކުރި ފައުލަށް ދިން ޕެނަލްޓީ އެކެވެ. ނައިޖީރިއާގެ ކީޕަރު އޯޖޯ އަށް މިސްރާބު އޮޅުވާލުމަށް ފަހު ލަޗްނީ އެ ޕެނަލްޓީ ގޯލްގެ ތިރީ ކަނަށް ވައްދާލި އެވެ.
ވިކްޓަރީގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓްގައި ޖަހައި ދިނީ މިދުހަތެވެ. އެ ލަނޑު ޖެހަށް އުފެދި ކޮމްބިނޭޝަން ޕްލޭގައި އަހްމަދު ރިޒްވާން (ރިޒޭ) ހިއްސާ ބޮޑެވެ. އޭނާ އަށް ލިބުނު ބޯޅަ ލަޗްނީ އަށް ފަހިކޮށްދިނެވެ. ލަޗްނީ އެ ބޯޅަ މިދުހަތަށް ފަހިކޮށްދިނެވެ. ގްރީންގެ ޑިފެންޑަރާއި ކީޕަރު ކައިރިން ނައްޓާލުމަށް ފަހު ބިޗަޑް އެ ލަނޑު ޖެހި އެވެ.
ގްރީންގެ ހަމައެކަނި ލަނޑު 77 ވަނަ މިނެޓްގައި ޖެހީ ކެޕްޓަން ރިލްވާން ވަހީދެވެ.