ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި އިރު ލިބިވަޑައިގެންނެވި ހަދިޔާ ގަބޫލުކުރެއްވުމުގެ މައްސަލައިގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އަނބިކަނބަލުން ބުޝްރާ ބީބީއަށް އަނެއްކާވެސް 17 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.
މިއީ 2022 ވަނަ އަހަރު ވެރިކަމުން ދުރުކުރުމަށް ފަހު އެކި ދައުވާތައްކޮށް 2023 ވަނަ އަހަރުން ފެށިގެން ޖަލުގައި ހުންނަވާ އިމްރާން އެނބުރި ސިޔާސީ މައިދާނަށް ވަޑައިގަތުމަށް ކުރިމަތިކޮށްފައިވާ ގާނޫނީ ގޮންޖެހުންތައް އިތުރަށް އުނދަގޫވި ހުކުމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
އިމްރާންގެ މައްޗަށް ކޮށްފައިވާ ހުރިހާ ދައުވާތަކަކަށް ވެސް އޭނާ ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ.
ހަދިޔާ ގަބޫލުކުރެއްވި މައްސަލައިގައި އިމްރާނާއި ބީބީ އަށް ވަނީ އިތުބާރު ގެއްލޭ ގޮތަށް ހަދިޔާ ގަބޫލުކުރުމުގެ ކުށުގައި 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި އެއިން ކޮންމެ ބޭފުޅަކަށް ވަނީ ލިބިވަޑައިގެންވި ހަދިޔާ ދައުލަތާ ހަވާލުކުރަން ނުޖެހޭ ގޮތަށް، އެ ހަދިޔާތަކުގެ އަސްލު އަގަށް ވުރެ ދަށްކޮށް ދައްކައިގެން އަމިއްލަކޮށްފައިވާތީ އިތުރު ހަތް އަހަރުގެ ހުކުމެއް އިއްވައިފަ އެވެ.
ޕާކިސްތާނުގެ ގާނޫނު ބުނާ ގޮތުން ސަރުކާރުގެ އޮފިޝަލުން ކޮންމެ ހަދިޔާއެއް ޑިކްލެއާ ކުރަން ޖެހޭނެ އެވެ. އެކަމަކު އެ ހަދިޔާތައް ވަކި އަގަކަށް ވުރެ ދަށް ނަމަ އަމިއްލަ ބޭނުމަށް ގެންދެވޭނެ އެވެ، ނުވަތަ ޖެހޭނީ އެ ބޭނުން ނަމަ ޑިސްކައުންޓް އަގެއްގައި އަމިއްލައަށް އެ ގަންނާށެވެ.
މި ޖަލު ހުކުމާ ގުޅިފައިވަނީ 2021 ވަނަ އަހަރު މެއި މަހު ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، އިމްރާނާއި އަނބިކަނބަލުންނަށް ހަދިޔާއަކަށް ދެއްވި އިޓަލީގެ ލަގްޒަރީ ބްރޭންޑް ބުލްގާރީގެ ގަހަނާއާ އެވެ.
ވަލީއަހުދު މުހައްމަދު ދެއްވި ލަގްޒަރީ ގަޑިތަކެއްގެ މައްސަލައިގައި ވެސް މީގެ ކުރިން ވަނީ އިމްރާނަށް 14 އަހަރު އަދި ބީބީ އަށް ހަތް އަހަރުގެ ހުކުމެއް އިއްވައިފަ އެވެ.
އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ އިމްރާންގެ ޖަލު ހުކުމް ދިގުކުރުމަށް "ކެންގަރޫ ކޯޓުން" ކުރާ ބޭއިންސާފު ހުކުމުގެ ސިލްސިލާއިން ބައެއް ކަމަށެވެ. އަދި މިއީ ސިޔާސީ ބޭނުމަށް ކުރަމުންދާ، އިންސާފުން ބޭރު ދައުވާތަކާއި ހުކުމްތައް ކަން މުޅި ދުނިޔެ ދަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. -- އޭއެފްޕީ