ގައުމީ އަންހެން ވޮލީ ޓީމުން މިދިޔަ އަހަރު ފައިނަލުގައި ވެސް ކުޅުނެވެ. އެއީ އާދައިގެ ފައިނަލެއް ނޫނެވެ. ފަހަތުން އަރައި މެޗު ފަސް ސެޓަށް ގެންގޮސް ރާއްޖެ ބަލިވީ އެވެ. އެއީ ހިތްދަތި ބައްޔެކެވެ. ފައިނަލު މެޗަކަށް ތައްޔާރުވާނެ ހުރިހާ ކަމެއް ހިތްވަރުގަދަ ދިވެހި ކުޅުންތެރިން ކުރި އެވެ. އެ ހިތްވަރަށް ސާބަހެވެ.
އަނެއްކާވެސް ދިވެހި އަންހެން ޓީމުން ކުރިމަތިލީ އާ ހިތްވަރަކާ އެކު އެވެ. ރާއްޖޭގައި އިއްޔެ ފެށި އޭޝިއާގެ ސެންޓްރަލް ޒޯން (ކާވާ) ގެ މުބާރާތަކީ ރަން މެޑައްޔަކަށް ދިވެހިން ކުރާ އުއްމީދު ހާސިލު ކުރުމަށް ލިބުނު އިތުރު ފުރުސަތެކެވެ. ގައުމީ ކޯޗު މުހައްމަދު ނަދީމު ބުނި ގޮތުގައި ރަން މެޑަލް ނޫން އެއްޗެއް ދިވެހި އަންހެން ޓީމުގެ ކުޅުންތެރިން މިހާރު ބޭނުމެއް ނުވެ އެވެ.
ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އަމިއްލަ ފަސްގަނޑުގައި ބޭއްވި ޓީމު އިވެންޓްގެ އިންޓަނޭޝަނަލް މުބާރާތެއްގައި ރަން މެޑަލް ހޯދުނު ޓީމެއް ނެތެވެ. އެ އުއްމީދު ހާސިލުކުރުމުގެ ފުރުސަތު މިވަގުތު ހުޅުވިފައި އޮތީ އަންހެން ވޮލީ ޓީމަށެވެ. ކުޅުންތެރިން ތިބީ ކުޅިވަރުގެ ތާރީހީ އެ ކާމިޔާބު ހޯދަން ވަރުގަދަ އަޒުމެއްގަ އެވެ.
"ރަން މެޑަލް ހޯދުމާ ވަރަށް ކައިރިއަށް މި ޓީމުން މީގެކުރިން ހިނގައްޖެ. މި ކުޅުންތެރިން ވެސް މިހާރު ބޭނުމެއް ނުވޭ އެ ނޫން އެއްޗެއް. ކުޅުންތެރިން ތިބީ ވަރަށް ވަރުގަދަ ޖޯޝެއްގައި. އެ ހިތްވަރު ކުރާތަން ވަރަށް ބޮޑަށް ފެނޭ،" މުބާރާތުގެ ކުރިން "މިހާރު" އަށް ނަދީމު ބުންޏެވެ.
ބަންގްލަދޭޝާ ދެކޮޅަށް ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ރާއްޖޭން ވަނީ އުއްމިދާ އެކު ފަށައިފަ އެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިޔާތާ އެކު ކުރިއަށް ގެންދިޔަ މެޗު ދިވެހި ޓީމު ކާމިޔާބު ކުރީ ސީދާ ތިން ސެޓުން، 25-18، 25-12 އަދި 25-16 އިންނެވެ.
ރާއްޖޭން މިއަދު ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މިރޭ 8:40 ގަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކިރިގިސްތާނުން އަފްޣާނިސްތާން ބަލި ކުރީ ސީދާ ތިން ސެޓުންނެވެ. ދެވަނަ ސެޓްގައި އަފްޣާނުން ވަރުގަދަ ކުޅުމެއް ދެއްކި އެވެ. މެޗުގެ ސެޓްތައް ދިޔައީ 25-15، 36-24 އަދި 25-11 އިންނެވެ.
މިއަދުގެ ފުރަތަމަ މެޗުގައި ކިރިގިސްތާނާއި ބަންގްލަދޭޝް ވާދަކުރާނެ އެވެ.