ތަރައްގީގެ ސްޕާޝަލް ޕްލޭނިން ނުވަތަ ބިމާއި އިމާރާތް ފަދަ ތަންތަން އެންމެ ރަނގަޅަށް މަންފާ ލިބޭނެ ގޮތަށް ޕްލޭނިން ހަދަން ބޭރު ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، ސަރުކާރުން ހަދާ 20 އަހަރުގެ ގައުމީ ތަރައްގީ ޕްލޭން އެކުލަވާލާ އިރު އެކަމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް އިންޓަނޭޝަނަލް ކޮންސަލްޓެންޓެއް ބޭނުންވާ ކަމަށެވެ.

އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ވެސް ލޯކަލް ކުންފުންޏަކުން އަންނަނީ ކުރަމުންނެވެ. ބޭރުގެ ބަޔަކު ހޯދަނީ، އެ ޕްލޭން އެކުލަވާލުމުގައި އިންޓަނޭޝަނަލް ސްޓޭންޑަޑްތަކާ އެއްގޮތަކަށް ކަންކަން ރާވަމުން އަންނަކަން ޔަގީން ކުރުމަށެވެ. އަދި އެފަދަ ޕްލޭނިންތަކާ ގުޅޭ ފަންނީ އެހީތެރިކަން ރާއްޖޭގެ ކުންފުންޏަށް ފޯރުކޮށްދިނުމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖެނުއަރީ 6 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ރާއްޖެ ތަރައްގީކުރުމަށްޓަކައި ކުރިއަށް އޮތް 20 އަހަރަށް އެކުލަވައިލާ މާސްޓަ ޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމުގެ މަސައްކަތްތައް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެކަމަށް ރަށްރަށުން ހިޔާލު ހޯދުމަށް ހާއްސަ މަސައްކަތްތައް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

އެ ޕްލޭން އެކުލަވާލުމުގެ ބޭނުމަކީ 2040 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖަ ހޯދުމެވެ. އެ ޕްލޭންގެ ދަށުން އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން، އަދި އުމްރާނީ ގޮތުން ރާއްޖެއަށް ގެންނަން ޖެހޭ މުހިއްމު ބަދަލުތައް ރާވާނެ އެވެ.