އުރީދޫއިން ކޮންމެ ދެ މަހަކުން އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) އެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި މަހު ފެށި އެ ޕްރޮމޯޝަން އަންނަ އަހަރުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އެ ޕްރޮމޯޝަންގައި އުރީދޫގެ މޮބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް) އާއި ސުޕަނެޓާއި ފަސޭހަ ނުވަތަ 5ޖީ އެއާފައިބާ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. އެ ގުރުއަތުގައި ބައިވެރިކުރާނީ ކޮންމެ ގުރުއަތެއް ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތްތައް ބޭނުން ކުރުމަށް 400ރ. ހަރަދުކުރާ ކަސްޓަމަރުންނެވެ. އަދި އެ ކަސްޓަމަރަކީ ގުރުއަތު ނަގާ ތާރީހާ ހަމައަށް އެކްޓިވް ކަސްޓަމަރަކަށް ވާން ޖެހޭނެ އެވެ.
އެ ޕްރޮމޯޝަނުގައި އަލަށް ގުޅޭ ކަސްޓަމަރުންނާއި މިހާރުގެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ އެ ޕްރޮމޯޝަނަކީ އެ ކުންފުނީގެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަގުވަޒަންކޮށް، އަގުހުރި އިނާމެއް ދިނުމަށް ފެށި ޕްރޮމޯޝަނެއް ކަމަށެވެ. އަދި އެ ޕްރޮމޯޝަނުން ދޭ އޭޓީވީއަކީ ރަށްރަށަށް އެކަށޭނެ ވެހިކަލެއް ކަމަށް ވިދާޅުވި އެވެ.
އުރީދޫން ކޮންމެ ދެ މަހަކުން އެ ޕްރޮމޯޝަންގެ ގުރުއަތު ނެގުން ކުރިއަށް ގެންދާނެ އެވެ. އެހެންވެ، އެ ޕްރޮމޯޝަނުގައި ޖުމްލަ ހަ އޭޓީވީ ދޭނެ އެވެ.