އިޒްރޭލު ސިފައިން ޣައްޒާއިން ނުފައިބާނެ ކަމަށާއި ޣައްޒާގެ އުތުރުގައި މަރުކަޒެއް ހަދައި ދާއިމަށް އެތަނުގައި ތިބޭނެ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ބުނެފި އެވެ.
އިޒްރޭލުގެ މީޑިއާ މެދުވެރިކޮށް އާންމުކުރި މި ވީޑިއޯ ބަޔާނުގައި ޑިފެންސް މިނިސްޓަރު މިހެން ބުނެފައި މި ވަނީ ޣައްޒާގައި ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ހަމާސް އިން ވީ އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހި ފެށުމަށް މަސައްކަތްކުރަމުން އަންނަ ވަގުތެއްގަ އެވެ.
އެއްބަސްވުމުގެ ދެ ވަނަ މަރުހަލާގައި އިޒްރޭލު ސިފައިން ޣައްޒާއިން ފޭބުން ހިމެނެ އެވެ. މިހާރު އިޒްރޭލު ސިފައިން ތިބީ ކަނޑައަޅާފައިވާ ވަކި އިމެއްގެ ފަހަތުގަ އެވެ.
ހުޅަނގު އައްސޭރީގައި ބޭއްވި އިވެންޓެއްގައި ކާޒް ބުނީ "އަހަރެމެން މިތިބީ ޣައްޒާގެ ވަރަށް އެތެރޭގައި" ކަމަށާއި "އަހަރެމެން ދުވަހަކުވެސް ޣައްޒާ ދޫކޮށް ނުދާނެ" ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ވެސް ނުކުރާނެ ކަމަށް ބުންޏެވެ.
އޭނާ ބުނީ 2005 ވަނަ އަހަރު އިޒްރޭލުން ޣައްޒާ ދޫކޮށްލި އިރު ހުސްކުރި ޔަހޫދީ އާބާދުތަކުގައި ސިފައިން ދާއިމަށް ބައިތިއްބާނެ ކަމަށެވެ.
ކާޒްގެ މި ވާހަކައަށް ފާޑު ކިޔަމުން ކުރީގެ މިނިސްޓަރު އަދި ޗީފް އޮފް ސްޓާފް ގާޑީ އައިސެންކޮޓް ވަނީ އިޒްރޭލުގެ ގިނަ ބަޔަކު އެދޭ ގޮތަށް ކަންކަން ކުރަމުން ދަނިކޮށް ދެއްކި މި ވާހަކަ އަކީ އިޒްރޭލުގެ ގައުމީ ސަލާމަތާ އިދިކީލި ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.
އެކްސްގައި އޭނާ ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ސުލްހައިގެ ޕްލޭނަށް އެއްބަސްވެގެން ކަމަށް ބުނަމުން، އަނެއްކޮޅުން ކުރަނީ އެއާ ދިމާ އިދިކޮޅު ކަންތައްތައް ކަމަށެވެ. -- އޭއެފްޕީ