މާވެލް ސިނެމަޓިކް ޔުނިވާސް (އެމްސީޔޫ)ގެ ކުރިއަށް އޮތް ފިލްމު "އެވެންޖާސް: ޑޫމްސް ޑޭ"ގެ ޓީޒާއެއް އިއްޔެ އާންމުކޮށްފި އެވެ.

އެ ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާންކޮށް އާންމުކުރި މިނެޓަކާއި 21 ސިކުންތުގެ ޓްރެއިލާގައި ފެންނާނީ އެމްސީޔޫގެ ފުރަތަމަ ކެޕްޓަން އެމެރިކާގެ ރޯލު ކުޅުނު އެމެރިކާގެ އެކްޓަރު ކްރިސް އެވަންސް އެވެ.

މިއީ 2019 ވަނަ އަހަރު ގެނެސްދިން "އެވެޖާންސް: އެންޑްގޭމް"އަށް ފަހު އެވަންސް އެމްސީޔޫއަށް އެނބުރި އަންނަ ފިލްމެވެ.

"އެވެންޖާސް: ޑޫމްސް ޑޭ" އިން އެމްސީޔޫގެ ކުރީގެ އެހެން ބައެއް އެކްޓަރުން ވެސް އެނބުރި އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި، ޑރ. ޑޫމްގެ ރޯލުން، ކުރިން އަޔަމް މޭންގެ ރޯލު ކުޅުނު އެމެރިކާގެ އެކްޓަރު ރޮބާޓް ޑައުނީ ޖޫނިއާ ފެންނާނެ އެވެ. އެއީ އެމްސީޔޫގެ ވިލަން ކެރެކްޓާއެކެވެ.

"އެވެންޖާސް: ޑޫމްސް ޑޭ" ޑައިރެކްޓުކުރަނީ ކުރިން ވެސް އެވެންޖާސްގެ ފިލްމުތައް ގެނެސްދިން ޖޯ އަދި އެންތޮނީ ރުއްސޯ ނުވަތަ ރުއްސޯ ބްރަދާސް އެވެ. "އެވެންޖާސް: ސީކްރިޓް ވޯސް" ކިޔާ އިތުރު ފިލްމެއްގެ މަސައްކަތް ވެސް އެމީހުން އަންނަނީ ކުރަމުންނެވެ.

ބޮޑު ކާސްޓެއް ހިމެނޭ "އެވެންޖާސް: ޑޫމްސް ޑޭ"ގައި އެމްސީޔޫގެ ފިލްމުތަކުގެ ވަރަށް ގިނަ ސުޕަހީރޯ އިން ފެންނާނެ އެވެ.

"އެވެންޖާސް: ޑޫމްސް ޑޭ" ރިލީޒްކުރަނީ އަންނަ އަހަރު ޑިސެމްބަރު 18 ގަ އެވެ.