އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 3.9 ޕަސެންޓަށް ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.

މިއަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ 4.2 ޕަސެންޓަށެވެ. އެހެންވެ، އަންނަ އަހަރަށް ލަފާކޮށްފައިވާ މިންވަރަކީ މި އަހަރާ އަޅާބަލާއިރު 0.3 ޕަސެންޓުގެ ދަށްވުމެކެވެ.

ވޯލްޑް ބޭންކްގެ އެންމެ ފަހުގެ އިގްތިސާދީ އަޕްޑޭޓުގައިވާ ގޮތުން ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު ދަށްވާ އެންމެ ބޮޑު އެއް ސަބަބަކީ، ގިނަ ދާއިރާތައް ކުރިއަރާ މިންވަރު ދަށްވުމެވެ.

އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 3.9 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައި ވާއިރު ފިނޭންސް މިނިސްޓްރީން ބަޖެޓު ފޮތުގައި ލަފާކޮށްފައިވަނީ 5.3 ޕަސެންޓަށް އިގްތިސާދު ކުރިއަރާނެ ކަމަށެވެ.

ވޯލްޑް ބޭންކުން ލަފާކުރާ ގޮތުން ޓޫރިޒަމް ދާއިރާ ފަދަ ސާވިސް އިންޑަސްޓްރީތައް ފިޔަވައި އެހެން ގިނަ ދާއިރާތައް ކުރިއަރާ މިންވަރު ދާނީ ދަށްވަމުންނެވެ. އަންނަ އަހަރު ސާވިސް އިންޑަސްޓްރީ 4.2 ޕަސެންޓުގައި ކުރިއަރާ އިރު ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރާނެ ކަމަށް ލަފާކުރަނީ ތިން ޕަސެންޓުގަ އެވެ. އަދި އެހެން ސެކްޓާތައް ކުރިއަރާނެ ކަމަށް ލަފާކުރަނީ 1.9 ޕަސެންޓަށެވެ.

އަންނަ އަހަރު އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކުރަނީ 4.2 ޕަސެންޓުގަ އެވެ. އެއީ މި އަހަރަށް ވުރެ 0.4 ޕަސެންޓް ދަށް އަދަދެކެވެ.

އަންނަ އަހަރުގެ ޑެފިސިޓް، އުފެއްދުންތެރިކަމުގެ ނިސްބަތުން 13 ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާކޮށްފައިވާ އިރު ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 134 ޕަސެންޓުގަ އެވެ.