ރާއްޖޭގެ ނޮމިނަލް ޖީޑީޕީ ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ވަރަށް އަވަހަށް ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަމީރް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާ އެކު ވެސް އިގްތިސާދީ ކުރިއެރުން ހޯދުމަށް ސަރުކާރުން ގެންގުޅޭ މެކްރޯ އިކޮނޮމިކްގެ ސިޔާސަތުތައް ރަނގަޅު ކަމުގެ ހެއްކެއް ކަމަށެވެ.
އިގްތިސާދަށް އައި ގޮންޖެހުންތަކުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ރަޝިއާ އާއި ޔޫކްރޭން ހަނގުރާމަ އާއި ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ބޯޑަރުތައް ހުޅުވާލުން ލަސްވުމެވެ. ނަމަވެސް، 2021 ވަނަ އަހަރާ އަޅާބަލާއިރު 2022 ގައި ރާއްޖެ އަށް ފަތުރުވެރިން އަންނަ މިންވަރު 26.7 ޕަސެންޓް އިތުރުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަތުރުވެރިކަމުގެ ދާއިރާ ރަނގަޅުވެގެން ދިއުމާއި އަދި ގުޅުންހުރި އެހެން ދާއިރާތަކުން އިގްތިސާދީ ގޮތުން ކުރިއެރުން ހޯދަމުން ދާތީ 2023 ވަނަ އަހަރުގެ ރިއަލް ޖީޑީޕީ ކުރިން ލަފާކުރި 7.6 ޕަސެންޓަށް ވުރެ މިހާރު ލަފާ ކުރާ މިންވަރު 9.4 ޕަސެންޓަށް މައްޗަށް ދާނެ ކަމަށް މިހާރު ލަފާކުރެވޭ." އަމީރުގެ ޓްވީޓްގައިވެ އެވެ.
ނޮމިނަލް ޖީޑީޕީ 100 ބިލިއަން ރުފިޔާއިން މައްޗަށް ދާނެ ކަމަށް އަމީރު ވިދާޅުވި ބައެއް ސަބަބުތައް
- މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންނަށް ވުރެ މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 17.5 ޕަސެންޓް އިތުރު ވެފައިވުން.
- އާ ފްލައިޓް ރޫޓްތަކުން ރާއްޖެ އަށް ދަތުރުކުރުން
- ޗައިނާގެ ފަތުރުވެރިން އައި މިންވަރު އިތުރުވުން
އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ މި އަހަރު އަންނާނެ ކަމަށް ލަފާ ކުރި ފަތުރުވެރިންގެ އަދަދު މިހާރު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޮކްޓޯބަރުން ފެށިގެން ރާއްޖެ އަށް މިއަހަރު 1.81 މިލިއަން މީހުން އަންނާނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ މިހާރު ލަފާ ކުރެވެނީ ރާއްޖެ އަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު 1.93 މިލިއަނަށް އަރާނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.
ރާއްޖޭގެ މިނިމަލް ޖީޑީޕީ 100 ބިލިއަނުން މައްޗަށް ދާނެ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިދިޔަ އަހަރު ޖޫން މަހު 8 ދުވަހު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި އެ މަނިކުފާނު ވިދާޅުވީ ޖީޑީޕީ އިތުރުވާ މިންވަރު ހުރީ 13 ޕަސެންޓްގައި ކަމަށެވެ. އަދި އެ ދުވަހު ވިދާޅުވީ އިގްތިސޯދީ ދުވެލި ހުރީ ރަނގަޅު މިސްރާބަކަށް ކަމަށެވެ.