އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ބްރުނޯ ފެނާންޑޭޒްގެ މަގާމު ފޫބެއްދުމަކީ ނުކުރެވޭނެ ކަމެއްކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

ޔުނައިޓެޑްގެ ކެޕްޓަން ބްރުނޯ އަށް އަނިޔާވީ އާދިއްތަ ދުވަހު އެސްޓަންވިލާ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ، އޭނާގެ ފަލަމަސްގަނޑުގެ އެތެރޭގެ ޓިޝޫތަކަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ކުޅުމާ ދުރުގައި ހުންނަންޖެހޭނީ ކިހާ ދުވަހަކުކަމެއް އަދި އެނގިފައެއް ނުވެ އެވެ.

އަމޮރިމް ބުނީ ބްރުނޯ ނެތް ތަނުގެ ޖާގައަކީ އެހެން ކުޅުންތެރިންނަށް ލިބޭނެ އިތުރު ފުރުސަތެއް ކަމަށެވެ.

"އެހެންވެ ކުޅުންތެރިންގެ ގާތުގައި ވެސް އަހަރެން ބުނިން މިކަމަށް އިސްނަގައިގެން ކުރިއަރަން ބުރަކޮށް މަސައްކަތް ކުރާށޭ،" އަމޮރޮމް ބުންޏެވެ.

ކޮބީ މައިނޯ އެ މަގާމަށް ބޭނުން ކުރެވިދާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އަމޮރިމް ބުނީ އިނގިރޭސި މިޑްފީލްޑަރު ވެސް އުޅެނީ ކުޑަވަރެއްގެ އަނިޔާއެއްގައި ކަމަށެވެ. ނަމަވެސް އޭނާ ފެނިދާނެކަމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އަމޮރިމް ބުންޏެވެ.

އެ މަގާމަށް ދެން ބޭނުންކުރަން ހުރި ކުޅުންތެރިޔަކީ ޔުނައިޓެޑްގެ ލެޖެންޑް ޑެރެން ފްލެޗާގެ ދަރިފުޅު ޖެކް ފްލެޗާ އެވެ. އެލެކްސް ފާގަސަންގެ ދުވަސްވަރު ޔުނައިޓެޑްގެ ރަން ޒަމާނުގައި އެ ޓީމަށް ފްލެޗާ ކުޅުނީ މިޑްފީލްޑަރެއްގެ ގޮތުގަ އެވެ. އުމުރުން 18 އަހަރުގެ ޖެކް ވެސް ކުޅެނީ ބައްޕަ ކުޅުނު މަގާމަށެވެ.

"އަހަރެމެން ކުޅުމުގައި ތަފާތު ގޮތްތައް ބޭނުންކުރަން ޖެހިދާނެ. ޖެކް ފްލެޗާ ވަރަށް ރަނގަޅު މަސައްކަތެއް ކުރި، އެހެންވެ (ބްރުނޯ ނެތުމުން އެހެން ކުޅުންތެރިންނަށް ހުޅުވޭ) މި ފުރުސަތުގައި ޖެކް އާއި އެހެން ކުޅުންތެރިންނަށް ޖާގަ ދޭން ޖެހޭ. އަހަރެމެން އެކަމަށް ހައްލު ހޯދާނަން،" އަމޮރިމް ބުންޏެވެ.

ޔުނައިޓެޑްގެ ޔޫތު ޓީމަށް ކުޅެމުންދާ ޖެކް ފްލެޗާ ވަނީ، މިދިޔަ އާދިއްތަ ދުވަހު އެސްޓަންވިލާއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗުގައި ކުޅެފަ އެވެ. އޭނާ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެއީ ޔުނައިޓެޑްގެ ސީނިއާ ޓީމަށް އޭނާ ކުޅެން ފެށި މެޗެވެ .އޭނާއާ އެއްމާބަނޑު ޓައިލާ ފްލެޗާ ވެސް ކުޅެނީ ޔުނައިޓެޑްގެ ޔޫތު ޓީމަށެވެ. އެ ދެ ބެއިންގެ ބައްޕަ ފްލެޗާ މަސައްކަތް ކުރަނީ ޔުނައިޓެޑްގެ 18 އަހަރުންދަށުގެ ޓީމުގެ ލީޑް ކޯޗުގެ ގޮތުގަ އެވެ.

ޔުނައިޓެޑަށް ކުރިއަށް އޮތީ މާދަމާ ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.