މެލޭޝިއާގެ ނުފޫޒުގަދަ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް އިތުރު 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
މެލޭޝިއާގެ ހައި ކޯޓުން ނަޖީބު 15 އަހަރަށް ޖަަލަށްލުމަށާއި 2.8 ބިލިއަން ޑޮލަރުން ޖޫރިމަނާކުރަން ހުކުމްކުރީ 1 އެމްޑީބީ ހިޔާނާތުގައި އޭނާއާ ދެކޮޅަށް ކުރި އިތުރު ދައުވާތަކެއް ސާބިތުވެގެންނެވެ.
ނަޖީބްގެ ވެރިކަމުގައި އުފެއްދި 1 މެލޭޝިއާ ޑިވެލޮޕްމެންޓް ބަރްހާދު (1އެމްޑީބީ) މެދުވެރިކޮށް ހިންގި ހިޔާނާތުގައި އެ ގައުމުގެ ބައިތުލްމާލުން ޖުމްލަ 4.8 ބިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށް މެލޭޝިއާގެ ތަހުގީގީ އިދާރާތަކުން ބުނެ އެވެ. އޭގެ ތެރެއިން އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޖަމާކުރީ ނަޖީބް، 72، ގެ އެކައުންޓަށް ކަން ތަހުގީގުތަކުން ވަނީ އެނގިފަ އެވެ.
އެ ހޯދުންތަކާ ދެކޮޅު ހަދައި ނަޖީބް ވިދާވަމުން ގެންދަވަނީ އޭނާއާ ދެކޮޅަށް ކުރަމުން ގެންދަނީ ސިޔާސީ ދައުވާތަކެއް ކަމަށެވެ.
މި ފަހަރުގެ ހުކުމް އިއްވަން އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ފަނޑިޔާރު ކޮލިން ލޯރެންސް ވިދާޅުވީ 1 އެމްޑީބީ ހިޔާނާތް ހިންގީ އޭރު އެކި މަގާމުތަކުގައި ތިއްބެވި އެހެން ބޭފުޅުން ނަޖީބަށް އޮޅުވާލައިގެން ކަމަށް ވިދާޅުވެ، ނަޖީބް ދައްކަވާ ވާހަކަތަކަކީ ހިޔާލީ ވާހަކަތެކެއް ކަމަށެވެ.
ވަން އެމްޑީބީ މައްސަލާގައި ކުރިން އިއްވި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަން މިހާރު ވެސް ޖަލުގައި ހުންނެވި ނަޖީބަށް މި ފަހަރު އިއްވި 15 އަހަރުގެ ހުކުމް ތަންފީޒުކުރަން ފަށާނީ ކުރީގެ ހުކުމުގެ މުއްދަތު 2028 ވަނަ އަހަރު ހަަމަވުމުންނެވެ.
އޭނާ 11.39 ބިލިއަން ރިންގިޓުން ( 2.8 ބިލިއަން ޑޮލަރުން) ޖޫރިމަނާކުރުމުގެ އިތުރުން ހިޔާނާތުން އެއްކޮށްފައިވާ ކަމަށް ބެލެވޭ 2.08 ބިލިއަން ރިންގިޓްގެ މުދާ ދައުލަަތަށް ނަގަން ވެސް ކޯޓުގެ ހުކުމުގައި އަމުރުކުރި އެވެ.
އުމުރުން 69 އަހަރުގެ ނަޖީބަށް 2018 ވަނަ އަހަރު އިންތިހާބުގައި ނާކާމިޔާބުވެ ވެރިކަން ގެއްލުނީ އެތައް ބިލިއަން ޑޮލަރެއް ހިމެނޭ 1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ ސަބަބުންނެވެ. ގައުމުގެ އިންވެސްޓްމަންޓަތަށް ހާއްސަ މި ފަންޑުން ނަޖީބާއި އޭނާގެ ބައިވެރިން އެތައް މިލިއަން ޑޮލަރަކަށް ޚިޔާނާތްވެ އަގުބޮޑު ގެދޮރާއި މުދަލާއި އަގުބޮޑު އާޓް ފަދަ ތަކެތި ވެސް ގަނެފައިވެ އެވެ.
ނަޖީބްގެ މައްޗަށް ހިންގި ދިގު ޝަރީއަތަށް ފަހު، އޭނާގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިން އާއި 1އެމްޑީބީ އެކައުންޓްތަކުން ނަޖީބްގެ އަމިއްލަ އެކައުންޓްތަކަށް 10.1 މިލިއަން ޑޮލަރު ޓްރާންސްފާކުރިކަން ވެސް ސާބިތުވެފަ އެވެ.