ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ފުލުހުންގެ އިމާރާތްތަކާއި ސްޓޭޝަންތައް އެޅުމަށް 80 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން ނެޝަނަލް ސެކިއުރިޓީ އާއި ޕަބްލިކް އޯޑާއާ ގުޅޭ މަޝްރޫއުތަކަށް ޕީއެސްއައިޕީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ ފުލުހުންގެ އިދާރާއަށެވެ.
ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ކުރީ ކޯޓު އިމާރާތްތައް އެޅުމަށެވެ. އެފަދަ މަޝްރޫއޫއުތަކަށް 20 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ނެޝަނަލް ސެކިއުރިޓީއާ ގުޅޭ މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުގައި ވަނީ 109 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ޑިފެންސާ ގުޅޭ މަޝްރޫއުތަކަށް ހޭދަކުރީ 1.4 މިލިއަން ރުފިޔާ އެވެ. އަދި ރީހެބިލިޓޭޝަނާ ގުޅޭ މަޝްރޫއުތަކަށް 3.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މި އަހަރުގެ ބަޖެޓުން ޕީއެސްއައިޕީގެ މަޝްރޫއުތަކަށް މިހާތަނަށް ހޭދަކޮށްފައިވަނީ 7.5 ބިިލިއަން ރުފިޔާ އެވެ. ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައި އޮތެވެ.
ވަކިވަކި ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށެވެ. އެފަދަ މަޝްރޫއުއުތަކަށޮ 3.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ހިސާބުތައް ދައްކާ ގޮތުން ޕްރޮޖެކްޓްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 9.3 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ. އެއީ ޖުމްލަ ބަޖެޓުގެ 14 ޕަސެންޓެވެ.