އާ އަހަރު ފާހަގަކުރުމަށް މާދަމާ އިން ފެށިގެން ހަރަކާތްތައް ބާއްވަން ރާވައިފި އެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" ގެ ނަމުގައި އާ އަހަރުގެ ހަރަކާތްތައް މާދަމާ ފަށަނީ ކުޑަކުދިންގެ ހަވީރަކުން ކަމަށާއި އަދި 2026 ވަނަ އަހަރު ފެށުން ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ހަރަކާތްތައް ތިން ދުވަހަށް ދެމިގެންދާނެ އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދަނީ މާދަމާ ހަވީރު 4 އިން 6 އަށެވެ. އެތަނުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި ތަފާތު ހަރަކާތްތައް ރާވާފައިވެ އެވެ. އަދި ގޭމިން އާކޭޑްގެ އިތުރުން ފުލުހުންގެ ސްޓޯލެއް ވެސް ހުންނާނެ އެވެ.
މާދަމާ ރޭ އެ ސަރަހައްދުގައި ކާބޯތަކެއްޗާއި އެ ނޫން ބައެއް ތަކެތި ވިއްކުމަށް ހާއްސަ ސްޓޯލްތައް ހުޅުވާފައި ހުންނާނެ އެވެ. އަދި މިއުޒިކް ޝޯ ވެސް މާދަމާ ކުރިއަށް ގެންދާނެ އެވެ. އަދި މާދަމާ ރޭގެ ޝޯގައި ސިމްބޮލިކް ރެކޯޑްސް އާއި ޓޫ އޮފް އަސް ފަދަ ބޭންޑްތައް ޕަފޯމް ކުރުމަށް ހަމަޖެހިފައިވެ އެވެ.
ބުދަ ދުވަހުގެ ހަވީރު ވެސް ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބާއްވާއިރު ރޭގަނޑު އޮންނާނީ ބޮޑުބެރުގެ ހަރަކާތްތަކެވެ. އާ އަހަރުގެ ޝޯގައި ޑްރޯން ހަރަކާތްތަކާއި ހަވާ އެރުވުން ވެސް އޮންނާނެ އެވެ.
ބުރާސްފަތި ދުވަހު ފުޑް ސްޓޯލްތަކާއެކު ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.