އާ އަހަރު ފެށުން ފާހަގަކުރުމަށް މިރޭ ބާއްވަން ނިންމާފައި ވަނީ ޕައިރޯ ޑްރޯން ޝޯއެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ މިރޭ 9:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ ޑްރޯން ޝޯ 15 މިނިޓަށް އޮންނާނެ ކަމަށެވެ.
ޑްރޯން ޝޯގައި ދައްކުވާ ދޭނީ، ދިވެހި ކުޑަކުއްޖެއްގެ ވާހަކަ އެވެ. ދިވެހިވަންތަ އަދި ރާއްޖޭގެ ތަރައްގީއާ ގުޅުވައިގެން އެ ވާހަކަ ކިޔައި ދިނުމުގައި 75 ޕައިރޯޑްރޯން ބޭނުން ކުރެ އެވެ. ޖުމުލަ 600 ޑްރޯން ބޭނުންކޮށްގެން އެ ޝޯ ކުރިއަށް ގެންދަނީ ސެންޓްރަލް ޕާކު ސަރަހައްދުގަ އެވެ. އާންމުކޮށް ބޭނުންކުރާ ޑްރޯން އާއި ޕައިރޯޑްރޯންގެ ތަފާތަކީ، އެ ޑްރޯންތަކުން ހަވާގެ ކުޅިވަރުތައް ވެސް ފެންނާނެ އެވެ.
ވިޒިޓް މޯލްޑިވްސް އިން އާ އަހަރު ކުލަ ގަދަކޮށް ފާހަގަކުރުން ކުރިއަށް ގެންދަނީ ބީއެމްއެލް އާއި އެޗްޑީސީއާ ފަދަ ކުންފުނިތަކާ ގުޅިގެންނެވެ. ޑްރޯންގެ ހަރަކާތް ކުރިއަށް ގެންދަނީ ދިވެހި ކުންފުންޏަކުންނެވެ.
"މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" ގެ ނަމުގައި އާ އަހަރު ފާހަގަކުރުމުގެ ގޮތުން އިއްޔެ ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަރަކާތްތައް ފަށައިފަ އެވެ. އާ އަހަރު ފާހަގަކުރުމުގެ ގޮތުން މިއަދާއި މާދަމާ ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާނެ އެވެ.
ބޮޑުބެރުގެ ހަކަރާތްތައް މިރޭ ކުރިއަށްދާ އިރު ހަވާ އެރުވުން ވެސް އޮންނާނެ އެވެ.