ޕައިރޯ ޑްރޯން ޝޯއަކާއި ހަވާ އެރުވުމާ އެކު، ރާއްޖެއިން 2026 އަށް މަރުހަބާ ކިޔައިފި އެވެ.

އާ އަހަރު ފެށުން ފާހަގަކުރުމުގެ ހަރަކާތްތައް ވަނީ ޑިސެމްބަރު މަހުގެ 30 ގައި ފަށައިފަ އެވެ. މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގެ ނަމުގައި ސެންޓްރަލް ޕާކުގައި ފަށާފައިވާ އެ ހަރަކާތް އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު ތަފާތު އެކި ކެއުންތައް ރަހަ ބަލާލުމަށް އެ ސަރަހައްދުގައި ސްޓޯލްތައް ބަހައްޓާފައި ހުއްޓެވެ.

އެ ހަރަކާތުގެ ތެރެއިން މިރޭ 9:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވަނީ ޑްރޯން ޝޯއެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތް 15 މިނެޓަށް ދެމިގެން ދިޔަ އެވެ. އަދި ދަންވަރު 12 ޖެހުމާ އެކު، 2026 އަށް މަރުހަބާ ކިޔަން ފަސް މިނިޓަށް ހަވާ އެރުވި އެވެ. އެ ހަރަކާތްތައް ބަލަން ވަރަށް ގިނަ ބަޔަކު ސެންޓްރަލް ޕާކަށް ޖަމާވެ، ކެމެރާތަކަށް މަންޒަރު ރައްކާކުރި އެވެ.

އާ އަހަރު ފެށުން ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެރުވި ހަވާގެ މަންޒަރުތައް ފޮޓޯ ނަގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އާ އަހަރު ފެށުން ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެރުވި ހަވާގެ މަންޒަރުތައް ފޮޓޯ ނަގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޑްރޯން ޝޯގައި ދައްކުވައި ދިނީ ދިވެހި ކުޑަ ކުއްޖެއްގެ ވާހަކަ އެވެ. ދިވެހިވަންތަ އަދި ރާއްޖޭގެ ތަރައްގީއާ ވެސް ގުޅޭ އެ ވާހަކަ ކިޔައިދިނުމުގައި 75 ޕައިރޯޑްރޯންނާއި 600 ޑްރޯން ބޭނުންކޮށްފައިވެ އެވެ.

އާ އަހަރު ފެށުން ފާހަގަކުރަން ހުޅުމާލޭގައި ރޭ ބޭއްވި ކުލަގަދަ ހަރަކާތްތައް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އާ އަހަރު ފެށުން ފާހަގަކުރަން ހުޅުމާލޭގައި ރޭ ބޭއްވި ކުލަގަދަ ހަރަކާތްތައް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭގެ އިތުރުން ޝޯ އެއް ވެސް އެ ސަރަހައްދުގައި ކުރިއަށް ގެންދިޔައިރު ބޮޑުބެރުގެ ހަރަކާތްތައް ވެސް ފެނިގެންދިޔަ އެވެ.

އާ އަހަރު ފެށުން ފާހަގަކުރަން ހުޅުމާލޭގައި ބޭއްވި ކުލަގަދަ ހަރަކާތްތައް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އާ އަހަރު ފެށުން ފާހަގަކުރަން ހުޅުމާލޭގައި ބޭއްވި ކުލަގަދަ ހަރަކާތްތައް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިއަހަރުގެ އާ އަހަރު ކުލަ ގަދަކޮށް ވިޒިޓް މޯލްޑިވްސް އިން ފާހަގަކޮށްފައި ވަނީ ބީއެމްއެލް އާއި އެޗްޑީސީއާ ފަދަ ކުންފުނިތަކާ ގުޅިގެންނެވެ.