ބަދަލުތަކާ އެކު މޭނާ ހައްސާނު އަލުން ސްޓޭޖަށް

މޭނާ ހައްސާނަކަށް މިއުޒިކާ ދުރަކު ނުހުރެވުނެވެ. އާ އަހަރާ ދިމާކޮށް ހުޅުމާލޭގައި ބާއްވާ ވަރުގަދަ މިއުޒިކް ޝޯއަކާ އެކު ސްޓޭޖަށް އަރަން އޭނާ އަނެއްކާ ވެސް ތައްޔާރުވެ ނިމިއްޖެ އެވެ.


ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އަންނަ އާދީއްތަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުޒިކާއި ހަވާގެ ކުޅިވަރުގެ ތެރެއިން މޭނާ ހައްސާނު ފެނިގެންދާނީ މަޝްހޫރު ބޮޑުބެރު ގްރޫޕް ހަބޭސްއާ އެކުގަ އެވެ. މިއީ ވަދާއީ ޝޯއެއްގެ ގޮތުގައި 2014 ވަނަ އަހަރުގެ އެޕްރީލް މަހު ރާޅުގަނޑުގައި ދިން ޝޯ އަށް ފަހު މޭނާ ހައްސާނު ސްޓޭޖަށް އެނބުރި އަންނަ ފުރަތަމަ ފަހަރެވެ.

"ހައްޔަރުކުރުމުގެ ކުރިން" ގެ ނަމުގައި އެފަހަރު އޭނާ ދިން ޝޯގެ ކުރިން ވެސް އެކި ފަހަރުމަތިން ލަވަ އާއި މިއުޒިކާ ދުރަށް ގޮސްފައިވެ އެވެ. އާ ލަވަތަކަކާ އެކު އާ ޝޯއަކަށް ތައްޔާރުވަމުން އަންނައިރު އޭނާ ހުރީ ކުރިން ވެސް އެއްއިރެއްގައި ފެނުނު ގޮތަށް ބޮޑު ތުނބުޅިއެއްލައިގެންނެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އާ އަހަރު ވިލޭރޭގެ ޝޯގައި ސްޓޭޖުން އޭނާ ފެންނާނީ މުޅިން "އާ ލުކެއްގަ" އެވެ. ބަދަލުތަކަކާ އެކު އެވެ.

ހައްސާނު ކުރިން "ހަވީރު" ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ލަވަ އާއި މިއުޒިކާ ދުރަށް އޭނާ ދިޔަ ފަހަރުތަކުގައި އެކަންކޮށްފައި ވަނީ ދީނީ ފިކުރާއި ސަބަބުތަކަށްޓަކަ އެވެ. އަދި ލަވަކިޔުން ހުއްޓާލުމަށް އޭނާ ފަށާފައިވާ ދަތުރުގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓް ސްޓީވަންސް (ޔޫސުފް އިސްލާމް) އެވެ.

މޭނާ ހައްސާނު އަލުން މިއުޒިކާއި ލަވައިގެ ދުނިޔެއަށް އެނބުރި އަންނައިރު ކެޓް ސްޓީވަންސް ވެސް ވަނީ މިއުޒިކްގެ ތެރެއަށް އެނބުރި އައިސް "ދަ ލާފިން އެޕަލް" ގެ ނަމުގައި އޭނާގެ 15 ވަނަ ސްޓޫޑިއޯ އަލްބަމް ނެރެފަ އެވެ.

"(ކެޓް ސްޓީވަން) އިސްލާމްވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ލަވަކިޔުން ހުއްޓާލަން. އޭނަގެ ވާހަކަ އާއި އަޅުގަނޑުގެ ވާހަކަ އޮތީ ވަރަށް ބޮޑަށް ގުޅިފައި،" ހަވީރަށް ދިން އިންޓަވިއުގައި ހައްސާނު ބުނެފައިވެ އެވެ.

"އޭނާ ރާ ބޮއެގެން ކެލިފޯނިއާގެ މޫދަށް އެރިގެން އަރަގުނުވީ ކިރިޔާ. އަޅުގަނޑު ވެއްޓުނީ ކަނޑަށް. ދެން އެ ވާހަކަ އަޑުއިވުނީމަ އަޅުގަނޑަށް ކިހާ އަސަރެއް ކުރާނެ."

މޭނާ ހައްސާނު

ހައްސާނު ބުނާ ގޮތުން އޭނާ ވެއްޓުނީ ކާށިދޫ ކަނޑަށެވެ. އަދި ލަވަކިޔުމާ ދުރަށް އޭނާ ފުރަތަމަ ދިޔައީ އެ ހާދިސާއިން ސަލާމަތްވުމަށް ފަހު ހިތަށް ވެރިވި ބިރުވެރިކަމުގަ އެވެ.

އޭގެ ފަހުން އަލުން ލަވަކިޔަން ފަށައިގެން 2000ގެ ކުރީކޮޅު ވެސް ލަވަކިޔުން ހުއްޓާލި އެވެ. ޖަލަށް ވެސް ލި އެވެ.

ހައްސާނު ބުނާ ގޮތުން ނަމަ އޭނާ އެފަހަރު ޖަލުން ސަލާމަތްވީ އަލުން ލަވަކިޔަން އެއްބަސްވެގެންނެވެ. ނަމަވެސް 2014 ވަނަ އަހަރު ރާޅުގަނޑުގައި ބޭއްވި ވަދާއީ ޝޯގެ ކުރިން ދިން މި އިންޓަވިއުގައި ހައްސާނު ބުނެފައި ވަނީ "އިރާދަކުރެއްވިއްޔާ ދެން ލަވައެއް ނުކިޔާނެ" ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދެން ލަވައެއް ނުކިޔާނަން. އަދި މަސްތުވާއެއްޗެއް ވެސް ބޭނުމެއް ނުކުރާނަން. މަސްތުވާތަކެއްޗާ ގުޅޭ މީހުންނާ އެކީގަ ވެސް ނޫޅޭނަން،" ރޯދަ އަށް ހުރެގެން ދިން އެ އިންޓަވިއުގައި ހައްސާނު ބުނެފައިވެ އެވެ.

"އަޅުގަނޑު މިހާރު ބޭނުންވަނީ ކުޑަކުދިންނަށް ދަސްކުރަން ފަސޭހަ ގޮތަކަށް އައްމާ ފޮތް ރިކޯޑްކުރަން. ހައްސާނުގެ ބަރު ރީތި އަޑުން އައްމާ ފޮތް ރިކޯޑްކޮށް ކުޑަކުދިންނާ ހަމަ އަށް ގެނެސްދިނުން."

އެ އިންޓަވިއުގައި ހައްސާނު މިކަމަށް ވައުދުވި ނަމަވެސް އޭނާ އަލުން އަނެއްކާވެސް ލަވަކިޔުންތެރިއެއްގެ ގޮތުގައި ސްޓޭޖަށް އެނބުރި އަންނަނީ އެވެ.