ވިނަރެސް ފްލެޓްތަކަށް އެންމެ ފުރަތަމަ ހުޅުވާލި އަގުގައި ގަނެފައިވަނިކޮށް، އަގަށް ބަދަލު ގެނެސް، އެ ބައި ކުރިން ފްލެޓް ގަތް ފަރާތްތަކަށް އަނބުރާ ދައްކާނެ ކަމަށް ބުނެފައި ވިޔަސް، މިއަދާ ހަަމައަށް ވެސް އެ ފައިސާ ނުލިބޭތީ ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޒަންއަށް އެޗްޑީސީއާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާގައި ބުނަނީ ބޭންކް އޮފް މޯލްޑިވްސްއިން ލޯނެއް ނަގައި، އެ ލޯނުގެ ފައިސާއިން ވިނަރެސް ފްލެޓެއްގެ އަގު އެކީ އެޗްޑީސީއަށް ދައްކާފައިވާ ކަމަށެވެ.
އެ މުއާމަލާތް ނިމިފައިވަނިކޮށް އެޗްޑީސީން ވަނީ އިއުލާނެއްކޮށް ފްލެޓް ގަތް ފަރާތްތަކަށް ލުއި ދިނުމަށް ނިންމައިފަ އެވެ. އެގޮތުން ވިނަރެސް މަޝްރޫއުގެ ފްލެޓްގެ ޑައުންޕޭމަންޓް 50 ޕަސެންޓަށް ކުޑަކުރުމަށާއި ހަ ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ފްލެޓަށް މަހަކު ދައްކަން ޖެހޭ އަދަދު 4،200ރ. އަށް ކުޑަކުރި އެވެ.
މި ބަދަލު ބޭންކް މެދުވެރިކޮށް ފްލެޓް ގަތް މީހުންނަށް ވެސް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އެގޮތުގެ މަތިން ފްލެޓް ގަތް ބައެއް ފަރާތްތަކަށް އެޗްޑީސީން އެ ލުއި ދީފައިވެ އެވެ.
ނަމަވެސް، ދައުވާ ކުރާ ފަރާތަށް މިހާތަނަށް ވެސް އެ ލުއި ފޯރުކޮށްދީފައިނުވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
އެހެންވެ، އޭނާ ކޯޓަށް ހުށަހަޅާފައިވަނީ ގާނޫނުއަސާސީގައި ބުނާ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ބޭންކުން ދައްކާފައިވާ ފައިސާ އެޗްޑީސީން އެކުގައި ބޭނުން ކުރުމަކީ އެ ކުންފުނިން ނުހައްގުން ހޯދާފައިވާ މަންފާއެއް އަދި މުއްސަނދި ކަމެއްގައި ކަނޑައަޅައިދިނުމަށެވެ.
އޭނާ ވަނީ ބޭންކް މެދުވެރިކޮށް އެޗްޑީސީއަށް އިތުރަށް ދައްކާފައިވާ ފައިސާއަކީ އަނބުރާ ލިބެންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދިފަ އެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުމުން ޖަވާބުދާރީވުމުގެ ބަދަލުގައި އެޗްޑީސީން ވަނީ ކޯޓުގެ އިހުތިސޯސްއާ މެދު ސުވާލު އުފައްދައިފަ އެވެ. ނަމަވެސް، ކޯޓުން އިއްޔެ ވަނީ މިއީ އެ ކޯޓަށް ބެލުމުގެ އިހްތިސޯސް އޮތް މައްސަލައެއް ކަމަށް ކަނޑައަޅައި ދައުވާއަށް ދިފާއު ހުށަހަޅަން އެޗްޑީސީއަށް އަންގައިފަ އެވެ.