ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓުގެ ޓަވަރުތަކުގެ ތިރި ސާފުކުރާއިރަށް އެތަންތަނަށް ކުނި އަޅާ މައްސަލަ ބޮޑުވެއްޖެ އެވެ.
ގޭގެއިން ނެރޭ ބާ ފަރުނީޗަރާއި ދޮންނަ މެޝިނާއި އަލަމާރި އާއި ބާވެގެން އުކާލާ ހިފާގެންގުޅޭ ސާމާނު ހިޔާ ޓަވަރުތަކުގެ ތިރިއަށް އަޅާފައި އޮންނަ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އާންމުކޮށް އެ ކުނިތައް އަޅާފައި އޮންނަނީ ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯގައި ހުސްކޮށް އޮންނަ ސަރަހައްދުތަކަށެވެ.
އެ ތަންތަނަށް އަޅާ ކުނިތައް އެޗްޑީސީގެ މުވައްޒަފުން ނަގައި ސާފުކުރާއިރަށް، އަނެއްކާވެސް އެ ތަންތަނަށް ކުނި އަޅާ މައްސަލަ ބޮޑުވެފައިވާކަން ވަނީ އެނގިފަ އެވެ.
އެޗްޑީސީގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ ރޯދަމަހާ ދިމާކޮށް ހުޅުމާލޭގައި އާންމު ތަންތަނަށް ކުނި އެޅުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެޗްޑީސީގެ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖުތައް ބަަލައިގެން، އެގޮތަށް ކުނި އަޅާ މީހުން ދެނެގަނެ، އެކަން ތަކުރާރު ނުކުރުމަށް އެ މީހުންނަށް ނަސޭހަތް ދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އާންމު ތަންތަނަށް އަޅާ ކުނި ނަގައި އެ ސަރަހައްދުތައް ސާފުކުރަން ޖެހުމުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށާއި އެންމެން ވެސް ފަރުދީ ޒިންމާ އަދާކޮށް، އާންމު ތަންތަނަށް ކުނި ނޭޅުމަށް އިލްތިމާސްކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ގޭގެއިން ނެރޭ ބޮޑެތި ކުނި މަގުތަކަށް އުކާ މައްސަލަ ކޮންމެ އަހަރަކު ރޯދަ މަހު ވެސް ވަރަށް ބޮޑުވެ އެވެ.
ހުޅުމާލެ 2 ގައި ހުންނަ ފަހި ފްލެޓުތަކަށް ބަދަލުވާ މީހުން އެ ޓަވަރުތަކުގެ ތިރިއަށް ކުނި އުކާ މައްސަލަ މި މަހު ކުރީކޮޅުގައި ބޮޑުވުމުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ ކުނި އަޅާ މީހުން ޖޫރިމަނާކުރަން ވެސް ފަށައިފަ އެވެ.