ހުޅުމާލެ 2 ގެ ފަހި ފްލެޓްތައް ކައިރީގައި އޮންނަ "ކުނި ފުނި" އެއްކޮށް ސާފުކޮށް 1،260 ޓަނުގެ ކުނި މިހާތަނަށް ނަގައިފި އެވެ.
އެފްޑީސީގެ ބެލުމުގެ ދަށުގައިވާ ދޯދި 10 އާއި 11 ވަނަ ޓަވަރުގެ ކުރިމަތީގައި އޮތް ހުސްބިމުގައި ބޮޑު ފުންޏަކަށް ކުނިތައް ޖަމާކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ ގޭގެއިން ނެރެފައި ހުރި ކާޑުބޯޑު ކުންޏާއި ބާ ފަރުނީޗަރެވެ.
އެހެންވެ، އެ ސަރަހައްދަށް ޖަމާކޮށްފައިވާ ކުނިތައް ނެގުމުގެ މަސައްކަތް އެޗްޑީސީން ވަނީ މިދިޔަ ހޮނިހިރު ދުވަހު ފަށައިފަ އެވެ.
އެ ކުންފުނިން މިއަދު ބުނީ އެ ސަރަހައްދުން އެކަނި 1،260 ޓަނުގެ ކުނި ނެގި ކަމަށެވެ.
އެޗްޑީސީން ވަނީ އެ ސަރަހައްދުގެ ސާފުކަން ދެމެހެއްޓުމުގައި އެންމެންގެ އެއްބާރުލުމަށް އެދިފަ އެވެ.
އެޗްޑީސީން އެ ތަން ސާފުކުރީ ހުޅުމާލޭގައި މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމަށް އެޗްޑީސީން އިސް ނަގައިގެން މިހާރު ފަށާފައިވާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުނެވެ. އެ މަސައްކަތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ފުލުހުންނާއި ވެމްކޯއިން ބައިވެރިވި އެވެ.
ފަހި ފްލެޓްތަކުގެ މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ. އޭގެ ފަހުން އެ ސަރަހައްދުތަކަށް ކުނި އަޅާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.
އެފްޑީސީން ބުނެފައިވާ ގޮތުގައި ފަހި ފްލެޓްތައް ކައިރިން ކުނި ނަގަން މިދިޔަ 8 މަސްދުވަހުގެ ތެރޭގައި 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ. އެ މުއްދަތުގައި އެ ސަރަހައްދުން 5،040 ޓަނުގެ ކުނި ނަގާފައިވާ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.
ކުނި ނައްތާލުމުގެ މަސައްކަތަކަށް އެހާވަރުގެ ބޮޑު ހަރަދެއް ކުރަން ޖެހުނީ އާންމު ތަންތަނަށް ކުނި އެޅުމުގެ ސަބަބުން ކަމަށާއި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކުނި އުކާލުމުގެ ސަބަބުން އެ ތަންތަން ސާފުކޮށް ބެލެހެއްޓުމަށް ދައުލަތުގެ ބަޖެޓުންނާއި އެ ކޯޕަރޭޝަނުން ކުރަން ޖެހޭ ހޭދަ އެތައް ގުނައެއް ބޮޑުވެފައިވާ ކަމަށް ވެސް އެފްޑީސީން ވަނީ ބުނެފަ އެވެ.