ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދާ ކުނި މެނޭޖްކުރުމުގެ ހާއްސަ އޮޕަރޭޝަންތަކުގެ ދަށުން ހުޅުމާލޭގެ އާންމު އެކި ތަންތަނުން، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 521 މެޓްރިކް ޓަނަށް ވުރެ ގިނަ ކުނި ނަގައިފި އެވެ.
އެޗްޑީސީން "މިހާރު"އަށް ދިން ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 521.274 މެޓްރިކް ޓަނުގެ ކުނި ހުޅުމާލޭގެ އާންމު އެކި ތަންތަނުން ނަގާފައިވެ އެވެ.
އެންމެ ގިނައިން ކުނި ނަގާފައި ވަނީ އެޕްރީލް 21 އާއި މިދިޔަ މަހުގެ 20 ވަނަ ދުވަހާ ދެމެދުގަ އެވެ. އެ މުއްދަތުގައި އެކަނިވެސް 346 މެޓްރިކް ޓަނުގެ ކުނި ނަގާފައިވެ އެވެ.
މި އަހަރު ހުޅުމާލޭގެ އާންމު ތަންތަނުން ކުނި ނެގި މިންވަރު
- 20 ފެބުރުއަރީން މާޗުގެ ނިޔަލަށް: 93.07 މެޓްރިކް ޓަނުގެ ކުނި
- 21 މާޗުން އެޕްރީލް 20 ގެ ނިޔަލަށް: 82.204 މެޓްރިކް ޓަނުގެ ކުނި
- 21 އޭޕްރީލުން މެއި 20 ގެ ނިޔަލަށް: 346 މެޓްރިކް ޓަނުގެ ކުނި
އެޗްޑީސީން ބުނި ގޮތުގައި، ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ގުޅިގެން ވެސް ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ވެމްކޯއާ ގުޅިގެން ހިންގި އެ ހަރަކާތުގައި އެޗްޑީސީގެ 36 މުވައްޒަފެއްގެ އެހީތެރިކަމާ އެކު، ހުޅުމާލޭގެ އެކި ތަންތަނުން 146 ޓަނުގެ ކުނި ނަގައި، އެ ސަރަހައްދުތައް ސާފުކޮށްފައިވެ އެވެ.
އެޗްޑީސީން އަންނަނީ ހުޅުމާލެ ފަދަ ބޮޑެތި އާބާދީތައް އޮންނަ ސަރަހައްދުތައް ސާފުތާހިރުކޮށް ބޭއްވުމަށާއި ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހުޅުމާލޭގެ އެކި ތަންތަނަށް ކުނި އަޅާ މައްސަލަ ވަރަށް ބޮޑެވެ. ބީޗު ސަރަހައްދާއި ޕާކުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކާއި މަގުތަކަށް ވެސް ކުނި އަޅާ މައްސަލަ ވަރަށް ބޮޑެވެ. އަދި ހުޅުމާލޭގެ ބަނދަރު ސަރަހައްދާއި ފަޅުތެރެއަށް ކުނި އެޅުމުގެ ސަބަބުން އެތަންތަން ގޮނޑުވުމުން އެކި ފަހަރު މަތިން އެޗްޑީސީގެ މުވައްޒަފުންނަށް ވަނީ އެ ތަންތަނުން ކުނި ނަގައި ސާފުކޮށްފަ އެވެ.
ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކޮށް، މަގުތަކާއި އާންމު ތަންތަނަށް ކުނި ނަޅާއި ހުޅުމާލެއަކީ ސާފުތާރިހު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެެ ކުންފުނިން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.