ހުޅުމާލެ 2 ގެ ފަހި ފްލެޓްތައް ކައިރީގައި އޮތް ބޮޑު ކުނި ފުނި ނަގައި އެ ސަރަހައްދު އެއްކޮށް ސާފުކޮށްފި އެވެ. 

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ފަހި ފްލެޓް ސަރަހައްދަށް އަޅާފައި އޮތް ހުރިހާ ކުންޏެއް ނަގައި އެތައް މިހާރު އެއްކޮށް ސާފުކޮށްފައިވާ ކަމަށެވެ. 

އެޗްޑީސީން ކުރިން ބުނި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިއަދާ ހަމައަށް އެ ސަރަހައްދުން 1،520 ޓަނުގެ ކުނި ނަގާފައިވެ އެވެ. އެއީ 134 ޑަމްޕް ލޮރީގެ ކުންޏެވެ. 

ފަހި ފްލެޓްތައް ކައިރިއަށް އަޅާފައި އޮތް ކުނިތައް ނަގައި ސާފުކޮށްފައި.-- ފޮޓޯ: އެޗްޑީސީ
ފަހި ފްލެޓްތައް ކައިރިއަށް އަޅާފައި އޮތް ކުނިތައް ނަގައި ސާފުކޮށްފައި.-- ފޮޓޯ: އެޗްޑީސީ

ދޯދި 10 އާއި 11 ވަނަ ޓަވަރުގެ ކުރިމަތީގައި އޮތް ހުސްބިމަށް ބޮޑު ފުންޏަކަށް ޖަމާކޮށްފައި ހުރި އެ ކުނިތަކުގެ ތެރޭގައި ގިނައީ ގޭގެއިން ނެރެފައި ހުރި ކާޑުބޯޑު ކުންޏާއި ބާ ފަރުނީޗަރެވެ.

އެހެންވެ، އެ ސަރަހައްދަށް ޖަމާކޮށްފައިވާ ކުނިތައް ނެގުމުގެ މަސައްކަތް އެޗްޑީސީން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އައީ ކުރަމުންނެވެ. 

އެޗްޑީސީން ވަނީ އެ ސަރަހައްދުގެ ސާފުކަން ދެމެހެއްޓުމުގައި އެންމެންގެ އެއްބާރުލުމަށް އެދިފަ އެވެ.

އެޗްޑީސީން އެތަން ސާފުކުރީ ހުޅުމާލޭގައި މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމަށް އެ ކޯޕަރޭޝަނުން އިސްނަގައިގެން މިހާރު ފަށާފައިވާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުންނެވެ. އެ މަސައްކަތުގައި ފަހި ފްލެޓުތައް ބަލަހައްޓާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ފުލުހުންނާއި ވެމްކޯ އިން ބައިވެރިވި އެވެ.

ފަހި ފްލެޓްތަކުގެ މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ. އޭގެ ފަހުން އެ ސަރަހައްދުތަކަށް ކުނި އަޅާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.

އެފްޑީސީން ކުރިން ބުނެފައިވާ ގޮތުގައި، ފަހި ފްލެޓްތައް ކައިރިން ކުނި ނަގަން މިދިޔަ 8 މަސްދުވަހުގެ ތެރޭގައި 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ. އެ މުއްދަތުގައި އެ ސަރަހައްދުން 5،040 ޓަނުގެ ކުނި ނަގާފައިވާ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.

ކުނި ނައްތާލުމުގެ މަސައްކަތަކަށް އެހާވަރުގެ ބޮޑު ހަރަދެއް ކުރަން ޖެހުނީ އާންމު ތަންތަނަށް ކުނި އެޅުމުގެ ސަބަބުން ކަމަށާއި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކުނި އުކާލުމުގެ ސަބަބުން އެ ތަންތަން ސާފުކޮށް ބެލެހެއްޓުމަށް ދައުލަތުގެ ބަޖެޓުންނާއި އެ ކޯޕަރޭޝަނުން ކުރަން ޖެހޭ ހޭދަ އެތައް ގުނައެއް ބޮޑުވެފައިވާ ކަމަށް ވެސް އެފްޑީސީން ވަނީ ބުނެފަ އެވެ.