ހުޅުމާލެ 2 ގެ ފަހި ފްލެޓްތައް ކައިރިން ކުނި ނަގަން މިދިޔަ 8 މަސްދުވަހުގެ ތެރޭގައި 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ. 

އެ ކުންފުނިން ވަނީ ފަހި ފްލެޓްތަކުގެ އާންމު ސަރަހައްދުތަކުން ސާފުކޮށްފައިވާ ކުނީގެ ތަފާސްހިސާބުތައް ސޯޝަލް މީޑިއާގައި މިއަދު އާންމުކޮށްފަ އެވެ.

އެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، އެ ސަރަހައްދުން ކުނި ނެގުމަށް 13.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ. 

ފަހި ފްލެޓްތަކުގެ މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުން ފެށިގެންނެވެ. އޭގެ ފަހުން، އެ ފްލެޓްތަކަށް ބަދަލުވި މީހުން އާންމު ސަރަހައްދުތަކަށް ކުނި އަޅާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. 

ކުނި ނަގަން ދިޔަ ހަރަދުގެ ތަފުސީލް

  • މިދިޔަ އަހަރުގެ އޮކްޓޯބަރުން މިދިޔަ މާޗު މަހުގެ ނިޔަލަށް - 8.45 މިލިއަން ރުފިޔާ
  • މިދިޔަ އެޕްރީލް މަހު - 75،100ރ. 
  • މިދިޔަ މެއި މަހުން ޖޫން މަހުގެ ނިޔަލަށް - 4.95 މިލިއަން ރުފިޔާ

އެފްޑީސީން ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިދިޔަ ޖޫން މަހުގެ ނިޔަލަށް ފަހި ފްލެޓްތަކުގެ އާންމު ސަރަހައްދުތަކުން 5،040 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. 

"އެއް ޓަނަކީ 133 ކޮތަޅު ކުނި ނުވަތަ އެއާ އެއްވަރުގެ މިންވަރެކެވެ،" އެފްޑީސީގެ ޕޯސްޓުގައި ބުންޏެވެ. 

އެފްޑީސީން ބުނީ ކުނި ނައްތާލުމުގެ މަސައްކަތަކަށް މިވަރުގެ ބޮޑު ހަރަދެއް ކުރަން ޖެހުނީ އާންމު ތަންތަނަށް ކުނި އެޅުމުގެ ސަބަބުން ކަމަށެވެ. ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކުނި އުކާލުމުގެ ސަބަބުން އެ ތަންތަން ސާފުކޮށް ބެލެހެއްޓުމަށް ދައުލަތުގެ ބަޖެޓުންނާއި އެ ކޯޕަރޭޝަނުން ކުރަން ޖެހޭ ހޭދަ އެތައް ގުނައެއް ބޮޑުވެފައިވާ ކަމަށް ވެސް އެފްޑީސީން ބުންޏެވެ. 

މި ކަހަލަ އިހުމާލުތަކުގެ ސަބަބުން ހިނގާ ހަރަދުތައް ކުޑަކޮށް، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށް، ކުނި އުކާލުމުގައި މިހާރަށް ވުރެ ބޮޑަށް ޒިންމާދާރުވުމަށް އެފްޑީސީން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. 

ހުޅުމާލެ 2 ގައި ހުންނަ ފަހި ފްލެޓްތަކުގެ ސަރަހައްދު އޮތީ ކުނިބުނިން ފުރިފަ އެވެ. ދޯދި 10 އާއި 11 ވަނަ ޓަވަރުގެ ކުރިމަތީގައި އޮތް ހުސްބިމުގައި ބޮޑު ފުންޏަކަށް ކުނިތައް މިހާރު ވެސް އޮތްއިރު، އޭގެ ތެރޭގައި ގިނައީ ގޭގެއިން ނެރެފައި ހުރި ކާޑު ބޯޑު ކުންޏާއި ބާ ފަރުނީޗަރެވެ.

އާންމު ސަރަހައްދުތަކަށް ކުނި ނާޅަން އިދާރާތަކުން އެންގި ނަމަވެސް، އެކަށީގެންވާ ހަރުކަށި ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ހުޅުމާލޭގެ އާންމު ތަންތަނަށް ކުނި އުކުން މިހާރު ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ.