އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ގަވާއިދުން ކުލި ނުދައްކާ ދެ ފްލެޓެއް ހުސްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެންގުމާ އެކު، ކުލި ނުދައްކާތީ ނޯޓިސް ފޮނުވާފައިވާ މީހުން ކުލި ދެއްކުމަށް އެ ކުންފުންޏަށް މިހާރު ގުޅަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.
ދެ ފްލެޓެއް ހުސްކުރުމަށް 15 ދުވަހުގެ ނޯޓިސް ފޮނުވީ ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ އަމާން ޓަވަރުތަކުގެ ދެ ޔުނިޓެއްގައި ދިރިއުޅޭ މީހުންނަށެވެ. އެއީ ފްލެޓަށް ވަން ފަހުން އެއްގޮތަކަށް ވެސް ކުލި ނުދައްކާ މީހުން ކަމަށް ހަމްދާން ވިދާޅުވެ އެވެ.
އެ ދެ ޔުނިޓުގެ ވެރިފަރާތަށް އެއްބަސްވުމުގައި ބުނާ ގޮތަށް އެކި ފަހަރު މަތިން ފުރުސަތު ދިން ކަމަށް އެފްޑީސީން ބުނެ އެވެ. ނަމަވެސް ކަނޑައެޅި މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ފްލެޓްތަކަށް ފައިސާ ނުދެއްކުމުން އެއްބަސްވުން ބާތިލްކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެންގީ މިދިޔަ ބުދަ ދުވަހު އެވެ.
އެ މީހުންނަށް އެފްޑީސީ ޕޯޓަލް އެކައުންޓަށް ދީފައިވާ އެކްސެސް ވެސް ވަނީ ކަނޑާލައިފަ އެވެ.
އެކަމާ ގުޅިގެން ހަމްދާން "މިހާރު" އަށް މިއަދު ވިދާޅުވީ ދެ ޔުނިޓެއް ހުސްކުރަން އެންގުމާ އެކު، ކުލި ނުދައްކައިގެން ނޯޓިސް ފޮނުވާފައިވާ ތިބި ގިނަ ބަޔަކު އަންނަނީ ކުލި ދައްކަން އެ ކުންފުންޏަށް ގުޅަމުންނެވެ.
މިހާރު ނޯޓިސް ފޮނުވާފައިވާ ގިނަ މީހުންނަކީ އެކެއް ނުވަތަ ދެ މަހުގެ ކުލި ނުދައްކާ ތިބި މީހުން ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް މީހުން ނުދައްކާ އޮތް ކުލި ބޮޑުވެ އެއްފަހަރާ ފައިސާ ދައްކަން ދަތިވާނެތީ، ބަހާލައިގެން ކުލި ދެއްކޭނެ އިންތިޒާމުތައް އެފްޑީސީން ހަމަޖައްސައިދޭނެ ކަމަށެވެ.
"ކުލި ނުދައްކައިގެން ނޯޓިސް ފޮނުވާފައިވާ ތިބި ގިނަ ފަރާތްތަކުން ކުލި ދައްކަން އަޅުގަނޑުމެންނަށް އެބަ ކޮންޓެކްޓް ކުރޭ. އޭގެ އިތުރުން އެއް ފަހަރާ ފައިސާ ދައްކަން ދަތިވާ ނަމަ އެ ވެސް ބަހާލައިގެން ދެއްކޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ހަމްދާން ވިދާޅުވި އެވެ.
ހުޅުމާލެ 2 ގައި ހަދާފައިވާ އެފްޑީސީގެ 4،000 ފްލެޓަށް ބައެއް މީހުން ކުލި ނުދައްކަނީ އެ ސަރަހައްދުގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކަށް ވެސް މީހުން ކުލި ނުދައްކާ އުޅޭއިރު ވެސް އެ ތަންތަން އަތުލުން ފަދަ ފިޔަވަޅެއް ނާޅާތީ އެވެ. އެކަމަކު، އެފްޑީސީން ފްލެޓު އެއްބަސްވުން ހަދާފައި އޮތީ ގަވާއިދުން ކުލި ނުދައްކާ ނަމަ އެ ތަންތަން އަތުލުމުގެ ބާރު ލިބޭ ގޮތަށެވެ.
އެ ކުންފުނިން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ގަވާއިދުން ކުލި ނުދައްކާ 564 ފްލެޓް އެބަހުއްޓެވެ.