ކުނި އުކުމުގެ ގަވާއިދާ ހިލާފުވުމާއި ފްލެޓު ކުއްޔަށް ދިނުން ހިމެނޭހެން ފަހި ފްލެޓުތަކާ ގުޅޭ 44 މައްސަލައެއް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރިޕޯޓްކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.

ފަހި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިތާ އަހަރެއްވާން ކައިވެރިވެފައި ވަނިކޮށް އެފްޑީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ފްލެޓުތަކާ ގުޅޭ ޖުމްލަ 44 މައްސަލައެއް ލިބިފައިވާ ކަމަށެވެ. 

އޭގެ ތެރޭގައި ކުނި އެޅުމުގެ ގަވާއިދާ ހިލާފުވުމުގެ ތިން މައްސަލައެއް ހިމެނޭއިރު، ދެ މައްސަލައެއްގައި ޖޫރިމަނާކޮށްފައިވާ ކަމަށާއި އެއް މައްސަލަ އަދިވެސް ބަލަމުން އަންނަ ކަމަށް އެފްޑީސީން ބުންޏެވެ. 

އެފްޑީސީން ބުނީ ހުއްދަ ނެތި ފްލެޓު ކުއްޔަށް ދިނުމުގެ 11 މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 8 މައްސަލައެއް މިހާރު ބަލަމުން އަންނައިރު، ދެ މައްސަލައެއްގައި ނޯޓިސް ފޮނުވާފައިވާއިރު، އެއް މައްސަލައިގައި ޖޫރިމަނާކޮށްފައިވާ ކަމަށެވެ. 

ފަހި ފްލެޓުގެ ވަކިވަކި ކޮޓަރި ކުއްޔަށް ދެވޭ ނަމަވެސް، މުޅި އެޕާޓްމަންޓް އެއްކޮށް ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. 

ފަހި ފްލެޓުތަކާ ގުޅޭ މައްސަލަތައް

  • ކުނި އެޅުމާ ގުޅޭ 3 މައްސަލަ
  • ހުއްދަ ނެތި ފްލެޓު ކުއްޔަށް ދިނުމާ ގުޅޭ 11 މައްސަލަ
  • ފްލެޓަށް ބަދަލުގެނައުމުގެ 27 މައްސަލަ
  • އެންގުންތަކަށް އަމަލުނުކުރުމުގެ 2 މައްސަލަ
  • އަޑުގަދަކުރުމުގެ ޝަކުވާގެ 1 މައްސަލަ

އެފްޑީސީން ބުނީ މަހުންމަހަށް ގަވާއިދުން ކުލި ދައްކަނީ 3،405 ފްލެޓަކުން ކަމަށެވެ. ބަރާބަރަށް ކުލި ނުދައްކާ 509 ފްލެޓް އެބަހުރި ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ މި 4،000 ފްލެޓުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރު އޮކްޓޯބަރު މަހު އެވެ. 

ފަހި ފްލެޓްތައް ހުންނަ ސަރަހައްދަށް ކުނި އަޅާ މައްސަލަ ބޮޑުވެ، އެ ސަރަހައްދު އެކި ފަހަރު މަތިން އެފްޑީސީން ވަނީ ސާފުކޮށްފަ އެވެ. އަދި ކުޑަ އަގެއްގައި ކުއްޔަށް ދީފައިވާ މި ސޯޝަލް ހައުސިން ފްލެޓުތައް ކުއްޔަށް ދޭ މައްސަލަތައް ވެސް އެކި ފަހަރު މަތިން ފެންމަތިވެފައިވެ އެވެ.