ހުޅުމާލެ ދޭއްގައި އިމާރާތްކޮށްފައި ފްލެޓުތަކުގެ ތެރެއިން އަމާން އުދަރެސްގެ ފްލެޓެއް، ބިދޭސީން ލޭބަ ކުއާޓާ ހަދަން ދިން މައްސާލާގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން، އެ ފްލެޓުން ބިދޭސީން ނެރެ ފްލެޓު ލިބުނު އާއިލާ އިން އެތަނުގައި ދިރިއުޅެން ފަށައިފި އެވެ. 

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން އަމާން އުދަރެސްގެ ފްލެޓެއް ބިދޭސީންނަށް ލޭބާ ކުއާޓާ ހަދަން ކުއްޔަށް ދޫކޮށްފައިވާ މައްސަލައެއްގައި އެތަނުގެ ވެރިފަރާތް ޖޫރިމަނާ ކުރީ މިމަހުގެ 11 ގަ އެވެ. އަދި 10 ދުވަހުގެ ތެރޭގައި އެތަން ހުސްނުކޮށްފި ނަމަ، އެ ފްލެޓު އެއްބަސްވުން ބާތިލުކޮށް، އެހެން ބަޔަކަށް އެ ފްލެޓު ދޭނެ ކަމުގެ އިންޒާރު އެ ކުންފުނިން ދީފައިވެ އެވެ. 

އެ މައްސަލާގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "މިހާރު" އަށް ވިދާޅުވީ ވެރިފަރާތަށް ދިން މުއްދަތު ހަމަވުމުން އެ ފްލެޓުގައި އުޅެނީ ކޮން ބައެއްތޯ ބަލާފައިވާ ކަމަށެވެ. މިހާރު ފްލެޓުން ބިދޭސީން ހުސްކޮށް، އެތަނުގައި ދިރިއުޅެމުން އަންނަނީ ފްލެޓު ލިބުނު އާއިލާ އިން ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ. 

އެތަނުން މީހުން ހުސްކުރަން އަންގައި އޭރު ހަމްދާން ވިދާޅުވީ އެ ފްލެޓުތައް ހަދާފައިވަނީ ބޮޑެތި ލޯނުތައް ނަގައިގެން ކަމަށާއި އެއީ ބޯހިޔާވަހިކަމަށް ޖެހިފައިވާ މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ފްލެޓުތަކެއް ކަމަށެވެ. 

އަމިއްލަ ފަރުދުން ރިއަލް އެސްޓޭޓް ވިޔަފާރިއަށް މިތަންތަން ބޭނުންކުރުމުން ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންނަށް އެ ދެވެނީ ބޮޑު ދެރައެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. 

އެހެންވެ، ކުއްޔަށްދޭ ފްލެޓްތައް ބަލައި، އެކަމާ ގުޅިގެން އެފްޑީސީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދެއްވި އެވެ.

ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ހާލަތެއް ކަމަށް އެއްބަސްވުގައި އޮވެ އެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އެފްޑީސީން އިމާރާތް ކޮށްފައިވާ ފްލެޓްތައް ހަވާލުކުރަން ފެށުމާ އެކު، ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޫކުރުމަށް އިޝްތިހާރު ޖަހަން ފެށި މައްސަލައެއް ވެސް ކުރިން ފެންމަތިވި އެވެ. އެ މައްސަލާގައި އެފްޑީސީން ވަނީ ފްލެޓު އެއްބަސްވުން ބާތިލުކުރާނެ ކަމުގެ އިންޒާރުދީފަ އެވެ.