ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރި ފްލެޓުތައް ލިބުނު މީހުންނަށް އެ ފްލެޓަށް އެ މީހުންގެ ރަށްވެހިކަން ބަދަލުކުރުމަށް ބޭނުންވާ ހުރިހާ ޑޮކިއުމަންޓެއް އެފްޑީސީ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ. 

ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގައި ދިރިއުޅޭ މީހުން، މާލޭގެ ރަށްވެހިކަންގެ ގޮތުގައި ރަޖިސްޓަރީވުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އެ ކުންފުނިން އެދިގެން ސިޓީ ކައުންސިލާ އެކު މިއަދު ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. 

އެ ބައްދަލުވުމަށް ފަހު، ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ހަމްދާން ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ވެސް އެފްޑީސީން އިސްނަގައިގެން ވަނީ ސިޓީ ކައުންސިލާ ބައްދަލުކޮށް، ފްލެޓު ލިބިފައިވާ މީހުންގެ ރަށްވެހިކަން ފްލެޓަށް ބަދަލުކުރަން ބޭނުންވާ ޑޮކިއުމަންޓްތަކާއި އެކަމާ ގުޅޭ މައުލޫމާތު ސާފުކޮށްފައި ކަމަށެވެ. 

މިދިޔަ ހަފުތާގައި ވެސް އެފްޑީސީން ސިޓީ ކައުންސިލާ ބައްދަލުކުރުމަށް އެދިފައިވާތީ، މިއަދު އެ ފުރުސަތު ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަނެއްކާ މިދިޔަ ހަފުތާގައި ވެސް އަޅުގަނޑުމެން ވާނީ ބައްދަލުވުމަކަށް ރިކުއެސްޓް ކޮށްފައި. އެބޭފުޅުންނަށް އެކަން ކުރަން ދަތިވަނީ ކޮން ކަމެއްކަން އައިޑެންޓިފައި ކުރުމަށް،" ހަމްދާން ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ފަހި ފްލެޓުގައި  ދިރިއުޅޭ މީހުންނަށް އެމީހުންގެ ފްލެޓަށް ރަށްވެހިކަން ބަދަލުކުރުމަށް މިހާރު އެއްވެސް ހުރަހެއް ސިޓީ ކައުންސިލަކަށް ނޯންނާނެ ކަމަށެވެ. 

ހަމްދާން ވިދާޅުވި ގޮތުގައި ރަށްވެހިކަން ބަދަލުކުރުމަށް އެދޭއިރު ކައުންސިލަށް ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް އެފްޑީސީގެ ޕޯޓަލް މެދުވެރިިކޮށް މިހާރު ލިބޭނެ އެވެ. އެކަން ކުރުމަށް އެފްޑީސީއަށް  އެއްވެސް ފިޒިކަލް ޑޮކިއުމަންޓެއް ހުށަހަޅަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިކޮށް ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ރޯޑް މެޕާ އެއްގޮތަށް އެއްވެސް ފިޒިކަލް ޑޮކިއުމަންޓޭޝަނެއް ހުށަނާލާ އޮންލައިންކޮށް ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ހުރިހާ ލިޔެކިޔުމެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ނިޒާމު އިރާދަކުރެއްވިއްޔާ މިވަނީ ހަމަޖެހިފައި،" 

ފްލެޓަށް ރަށްވެހިކަން ބަދަލުކުރުމުގައި އެއްވެސް އިދާރީ ހުރަހެއް ނޯންނާނެ ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ. 

"އެހެންވީމަ އުފަލާ އެކު ދަންނަވަން އޮތީ މިވަގުތުން ފެށިގެން ތިޔަބޭފުޅުންގެ ރަށްވެހިކަން އަޅުގަނޑުމެންގެ ފްލެޓުތަކުގައި ޖެއްސުމާ މެދު އެއްވެސް އިދާރީ ގޮތުން ހުރަހެއް ނޯންނާނެކަން."

އެފްޑީސީން އިމާރާތްކުރި ފްލެޓުތައް ހަވާލުކުރިއިރު ހަދަނީ ކުލީގެ އެއްބަަސްވުމަކަށް ވާތީ، އެ ފްލެޓްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ނުހެދޭނެ ކަމަަށް މާލޭ ސިޓީ ކައުންސިލުން ކުރިން ބުނެފައިވާތީ އެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ މީގެ ދެ ދުވަހެއް ކުރިން މަޖިލީހުގައި ރައްދު ދެއްވައިފަ އެވެ. 

މިނިސްޓަރު ވިދާޅުވީ އެ ފްލެޓްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދަން ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި އެފްޑީސީގެ ފްލެޓްތަކަށް ރަށްވެެހިންގެ ރަޖިސްޓްރީ ނުހެދޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނާ ބުނުމަކީ އެއްވެސް އުސޫލެއްގެ މައްޗަށް ބިނާވާ ވާހަކައެއް ނޫނެވެ. 

އެ ފްލެޓްތަކަށް ހެދި އެއްބަސްވުމުގެ ހަމަ އެކަނި ތަފާތަކީ "ސޭލް އެންޑް ޕާޗޭޒް އެގްރިމެންޓް" ގެ ބަދަލުގައި "ރެންޓް ޓު އޯން" މޮޑެލް ކިއުން ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އަމިއްލަ ރިއަލް އެސްޓޭޓް ކުންފުންޏަކުން އިމާރާތްކުރާ އެޕާޓްމަންޓެއް ވެސް ބޭންކުން ލޯނެއް ނަގައިގެން ގަންނަ ނަމަ ލޯނު ނުދެއްކިއްޖިއްޔާ އެ ތަން ވިއްކާލާނެ ކަމަށާއި އެކަމަށް ރިއާޔަތްކޮށް އެފަދަ ތަންތަނަށް ވެސް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިނުދޭންވީނުންތޯ ސުވާލު އުފައްދަވައިފަ އެވެ. 

މުއްތަލިބު ވިދާޅުވީ އެ ފްލެޓުތައް ލިބުނު މީހުންގެ ރަށްވެހިކަން ބަދަލުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެފްޑީސީ އާއި ކައުންސިލުގައި ވެސް އެދިވަޑައިގެންފައިވާ ކަމަށެވެ.