ފަހި ދިރިއުޅުން ކޯޕަރޭޝަން ޕޯޓަލްގެ އެކްސެސް ކަނޑާލައި އަމާން އުދަރެސްގެ ދެ ޔުނިޓެއް ހުސްކުރަން އެންގިއިރު އެ ދެ ފްލެޓަކީ އެއްގޮތަކަށް ވެސް ކުލި ނުދައްކާ ދެ ފްލެޓު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.
އަމާން ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށީ މިއަހަރުގެ ކުރީކޮޅެވެ. އެކަމަކު އެތަނުގައި ދިރިއުޅެމުން އަޔަސް ބައެއް ފަރާތްތަކުން ގަވާއިދުން ފްލެޓަށް ކުލި ނުދައްކަ އެވެ.
އެ މައްސަލާގައި ދެ ފްލެޓެއް ހުސްކުރަން މިހާރު ވަނީ އަންގައިފަ އެވެ.
ހަމްދާން، "މިހާރު" އަށް ވިދާޅުވީ އެ ދެ ފްލެޓަކީ އެތަނުގައި މީހުން ދިރިއުޅެން ފެށިފަހުން އެއްގޮތަކަށް ވެސް ކުލި ދައްކާފައިވާ ދެ ފްލެޓު ނޫން ކަމަށެވެ.
އެ ދެ ޔުނިޓުގެ ވެރިފަރާތަށް އެއްބަސްވުމުގައި ބުނާ ގޮތަށް އެކި ފަހަރު މަތިން ފުރުސަތު ދިނެވެ. ނަމަވެސް ކަނޑައެޅި މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ފްލެޓްތަކަށް ފައިސާ ނުދެއްކުމުން އެއްބަސްވުން ބާތިލްކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެންގީ މިދިޔަ ބުދަ ދުވަހު އެވެ.
އެ މީހުންނަށް އެފްޑީސީ ޕޯޓަލް އެކައުންޓަށް ދީފައިވާ އެކްސެސް ވެސް ވަނީ ކަނޑާލައިފަ އެވެ.
ދެ ޔުނިޓެއް ހުސްކުރަން އެންގުމާ އެކު، ކުލި ނުދައްކައިގެން ނޯޓިސް ފޮނުވާފައިވާ ތިބި ގިނަ ބަޔަކު އަންނަނީ ކުލި ދައްކަން އެ ކުންފުންޏަށް ގުޅަމުންނެވެ.
މިހާރު ނޯޓިސް ފޮނުވާފައިވާ ގިނަ މީހުންނަކީ އެކެއް ނުވަތަ ދެ މަހުގެ ކުލި ނުދައްކާ ތިބި މީހުން ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް މީހުން ނުދައްކާ އޮތް ކުލި ބޮޑުވެ އެއްފަހަރާ ފައިސާ ދައްކަން ދަތިވާނެތީ، ބަހާލައިގެން ކުލި ދެއްކޭނެ އިންތިޒާމުތައް އެފްޑީސީން ހަމަޖައްސައިދޭނެ ކަމަށެވެ.
އެފްޑީސީގެ 4،000 ފްލެޓު ލިބުނު ބައެއް މީހުން ގަވާއިދުން ކުލި ނުދައްކަނީ ހިޔާ ފްލެޓު ލިބުނު ބައެއް މީހުން ވެސް ކުލި ނުދައްކާ އުޅޭއިރު އެމީހުންނާ މެދު އެއްވެސް ފިޔަވަޅެއް ސަރުކާރުން ނާޅާ ކަމަށް ބުނެ އެވެ. އެފްޑީސީން ފްލެޓު އެއްބަސްވުން ހަދާފައި އޮތީ ގަވާއިދުން ކުލި ނުދައްކާ ނަމަ އެ ތަންތަން އަތުލުމުގެ ބާރު ލިބޭ ގޮތަށެވެ.