ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓުތައް އަޅާނުކިޔޭނެ ކަމަށާއި އެފްޑީސީ ފްލެޓުތަކުގެ ކުލި ކުޑަކުރުމުގެ މަޝްވަރާއެއް ހިނގާކަން އެނގިވަޑައިގެންފައި ނެތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.
ހަމްދާން އެހެން ވިދާޅުވީ ފަހި ފްލެޓުތަކުގެ ކުލި ކުޑަކޮށްދޭން އެދި ފަހި ޔޫނިއަނުން ގޮވާލައި އަދި ރޭގައި އިހުތިޖާޖު ކޮށްފައި ވަނިކޮށެވެ.
މި ސަރުކާރުން އެ 4،000 ފްލެޓުގައި ހިމެނޭ ދެ ކޮޓަރީގެ ތަންތަނުގެ ކުއްޔަށް ކަނޑައެޅީ 7،000ރ. އެވެ. އަދި ތިން ކޮޓަރީގެ ކުއްޔަށް ދައްކަންޖެހެނީ 10،000ރ. އެވެ.
އެކަމަކު އެތަނުގެ ކުލި ބޮޑުކަމަށް ބުނެ ފަހި ޔޫނިއަނުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ފަހި ފްލެޓުތަކުގެ ދެ ކޮޓަރީގެ ކުއްޔަކީ މެއިންޓަނެންސް ފީއާ އެކު މަހަކު 6،000ރ. އަދި ތިން ކޮޓަރި ނަމަ މެއިންޓަނެންސްއާ އެކު 8،000ރ. ކަމަށް އޭރު ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންވެ، ކުރީގެ ސަރުކާރުން ކަނޑައަޅާފައިވާ އެ ކުއްޔަށް ކުޑަކޮށްދިނުމާ އެކު، އެ ފްލެޓުތަކުގެ ޑައުންޕޭމަންޓު އުނިކޮށްދިނުމަށް އެދިފައިވެ އެވެ.
އެ މައްސަލާގައި ސުވާލުކުރުމުން ހަމްދާން "މިހާރު" އަށް ވިދާޅުވީ ކުއްޔަކީ އެފްޑީސީން ކަނޑައަޅާފައި އެއްޗެއް ނޫން ކަމަށާއި މިހާރު ވެސް އެ ތަން ދޫކޮށްފައި ވަނީ ބޮޑު އަދަދެއް ސަބްސިޑައިޒް ކޮށްގެން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް ކޮންމެ ރުފިޔާއަކަށް މަދުވެގެން ހަތަރު ވަރަކަށް ރުފިޔާ ދައްކަނީ ސަރުކާރުންނެވެ.
"އަޅުގަނޑަށް ހީވަނީ ކޮންމެ ރުފިޔާއަކަށް މަދުވެގެން ހަތަރު ރުފިޔާ ސަރުކާރުން ދައްކާ ގޮތަށް މިހާރު ވެސް. ނޫނީ އެއަށް ވުރެ ގިނައިން،" ހަމްދާން ވިދާޅުވި އެވެ.
ފަހި ފްލެޓުތައް ކުއްޔަށް ދޫކޮށްފައި ވަނީ ފައިދާވާ ގޮތަށް ނޫން ކަމަށް ހަމްދާން ވިދާޅުވި އެވެ. އަދި މިހާރު ވެސް އެތަނުގެ ކުއްޔަށް ދައްކާ ހުރިހާ ފައިސާއެއް ދަނީ އެ ތަން އިމާރާތްކުރަން ނެގި ލޯނަށް ކަމަށް ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވީ ކުއްޔަށް ބަދަލެއް ގެންނަ ނަމަ، އެކަން ކުރާނީ ފިނޭންސް މިނިސްޓްރީގެ އެގްޒެކްޓިވް ލެވެލްގައި މަޝްވަރާ ކޮށްފައި ކަމަށެވެ. އަދި އެފަދަ މަޝްވަރާއެއް މިވަގުތު ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނެތް ކަމަށް ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންނެއް ނޫން އެ ޑިސިޝަން ނަގާނީ. މިތަނުގެ ކުއްޔޭ ދަންނަވާއިރު ޕްރޮފިޓުގައި ކުރާ ކަމެއް ނޫން. އެ ހުރިހާ ރުފިޔާއެއް ދާނީ ލޯނަށް. އެތަން އިމާރާތްކުރަން ދިޔަ ހަރަދަށް. ލޯނު ބެއާކުރަނީ މިނިސްޓްރީ އޮފް ފިނޭންސް އިން. ފިނޭންސް އިން އެގްޒެކްޓިވް ލެވެލްގައި ނަގާ ޑިސިޝަނަކުން ކުއްޔަށް ބަދަލެއް އަންނަ ނަމަ އަންނާނީ،"
"އެކަހަލަ ކަމެއް ކުރާކަމުގެ މައުލޫމާތެއް އަޅުގަނޑަކަށް ނެތް ލިބިފައެއް،"
ހިޔާ ފްލެޓުތަކުގެ ކުއްޔަށް ވެސް ބޮޑު ލުޔެއް ދީފައިވާތީ މި ފްލެޓުތަކަށް ވެސް ލުއި ދޭންޖެހޭ ކަމަށް ދެއްކެވޭ ވާހަކަތަކަށް ވެސް ހަމްދާން ރައްދު ދެއްވި އެވެ.
އޭނާ ވިދާޅުވީ ހިޔާ ފްލެޓު ދިނީ ދޮރެއް، ކުޑަދޮރެއް އަދި އެ ތަނުގައި ތަށިމުށި ޖަހައި ފަންކާ ހަރުނުކޮށް ކަމަށެވެ. ފިނިޝިން މަސައްކަތްތައް ނުނިންމާ ހިޔާ ފްލެޓު ހަވާލުކުރި ނަމަވެސް ފަހި ފްލެޓުތައް ހަވާލުކޮށްފައި ވަނީ އެތަނުގެ ތަޅުދަނޑި ހަވާލުކުރުމާ އެކު އެތަނުގައި ދިރިއުޅެވޭނެ ގޮތަށް ކަމަށް ހަމްދާން ވިދާޅުވެ އެވެ.
"ހިޔާ ފްލެޓު ހަވާލުކުރިއިރު ދޮރެއް ކުޑަދޮރެއް ޓައިލްސްއެއް އެއްވެއް އެއްޗެއް އެތަނުގައި ނެތް ފަންކަލެއް. މިތަން [ފަހި ފްލެޓު] ހަވާލުކުރިއިރު އެ ހުރިހާ މަސައްކަތެއް އެހެރީ ނިންމާފައި. ހަމަ ވަންނަ ގޮތަށް ދިރިއުޅޭ ގޮތަށް ތައްޔާރު ކޮށްފައި އަޅުގަނޑުމެން ހޭންޑްއޯވާ ކުރީ. އެހެންވީމަ މި ދެކަމެއް އަޅައެއް ނުކިޔޭނެ."
ހަމްދާން ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލޭގައި އެންމެ ފުރަތަމަ ފްލެޓުތައް ހަވާލުކުރިއިރު އެތަނުގައި އޮތީ ތަށިމުށި ވެސް ނުޖަހާ ކަމަށެވެ. އެތަން ހަވާލުކުރީ ތަޅުން އަޅައިފައި ކަމަށާއި އެކަމަކު ފަހި ފްލެޓުތައް ދިނީ ދޮރާއި ފަންކާ އާއި ލައިޓާއި ޓައިލްސް ޖަހައި ކުލަ ވެސް ލާފައި ކަމަށް ވިދާޅުވެ ހަމްދާން ވަނީ މިތަންތަން އަޅާނުކިޔޭނެ ކަމަށް ވިދާޅުވެފަ އެވެ.