އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ގަވާއިދުން ކުލި ނުދައްކާ ދެ ފްލެޓެއްގެ "ޕޯޓަލް އެކްސެސް" ކަނޑާލައި އެ ދެ ފްލެޓް ހުސްކުރަން އަންގާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައިވާ ގޮތުން ފްލެޓް ހުސްކުރުމަށް 15 ދުވަހުގެ ނޯޓިސް ފޮނުވީ ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ އަމާން ޓަވަރުތަކުގެ ދެ ޔުނިޓެއްގައި ދިރިއުޅޭ މީހުންނަށެވެ.
އެފްޑީސީން ބުނި ގޮތުގައި ގަވާއިދުން ކުލި ދައްކަން އެ ދެ ޔުނިޓުގެ ވެރިފަރާތަށް އެއްބަސްވުމުގައި ބުނާ ގޮތަށް އެކި ފަހަރު މަތިން ފުރުސަތު ދިނެވެ. ނަމަވެސް ކަނޑައެޅި މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ފްލެޓްތަކަށް ފައިސާ ނުދެއްކުމުން އެއްބަސްވުން ބާތިލްކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި އެ ދެ ފްލެޓް ހުސްކޮށް، އެފްޑީސީއާ ހަވާލުކުރަން މިހާރު އަންގާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
"އަދި އެއްބަސްވުން ބާތިލް ކުރުމާ ގުޅިގެން، އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދެވިފައިވާ އެކްސެސް ވެސް ވަނީ ކަނޑާލެވިފަ އެވެ،" ބަޔާނުގައި ވެ އެވެ.
އެފްޑީސީން ބުނީ، އެ ކުންފުނިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓްގެ އެއްބަސްވުމުގައި ބުނާ އިޖުރާއަތްތައް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ 135 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ފަރާތްތަކަށް ތަކުރާރުކޮށް ފުރުސަތު ދިން ކަމަށް ބުންޏެވެ. ކުލި ދައްކަން އެ މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ނޯޓިސް ފޮނުވައި، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭން ޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ދިން ކަމަށް އެފްޑީސީގެ ބަޔާނުގައި ވެ އެވެ.
"މި ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ވަނީ ހަވާލުކުރެވިފަ އެވެ،" އެފްޑީސީން ބުންޏެވެ.
އެ ކުންފުނިން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ގަވާއިދުން ކުލި ނުދައްކާ 564 ފްލެޓް އެބަހުއްޓެވެ.
މިދިޔަ މަހު 21 ގެ ނިޔަލަށް ފްލެޓްތަކަށް ކޮށްފައިވާ ޖޫރިމަނާ އާއި އިންޒާރުތަކުގެ މައުލޫމާތު ހިމަނައި އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގަވާއިދުން ކުލި ދައްކާ 3،362 ޔުނިޓް އެބަހުރި ކަމަށެވެ. އެކަމަކު، ގަވާއިދުން ކުލި ނުދައްކާ ޖުމްލަ 564 ޔުނިޓު ހުރި ކަމަށް ބުނެފައި ވެ އެވެ.
އެފްޑީސީން މިއަދު ބުނީ، ގަވާއިދުން ކުލި ނުދައްކާ މީހުން ފްލެޓްތައް ހުސްކުރަން އަންގަނީ އެއްބަސްވުމުގެ އުސޫލުތައް ދަމަހައްޓައި، އެންމެންގެ މައްޗަށް ހަމަހަމަކަމާއި އިންސާފު ގާއިމް ކުރުމަށް ކަމަށެވެ.
"ފިޔަވަޅު އެޅުމުގެ ކުރިން އެކަށީގެންވާ ނޯޓިސް ދެވި، ޒިންމާތައް އަދާކުރުމަށް ފުރުސަތު ފަހިކޮށްދިނުމާ އެކު، ހައުސިން ޔުނިޓްތައް ބެލެހެއްޓުމުގައި ދެފުށް ފެންނަ އަދި އިންސާފުވެރި އުސޫލުތަކެއް ދެމެހެއްޓުމަށް އެފްޑީސީން އަބަދުވެސް އިސްކަންދޭނެ އެވެ،" އެފްޑީސީގެ ބަޔާނުގައި ބުންޏެވެ.
"އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓަނެންސް ފީ ދެއްކެވުމަށް ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ."