ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓު ލިބުނު މީހުންނާ އެ ތަންތަން ހަވާލުކުރަން އެންމެ ފަހުން އިއުލާންކުރި ތާރީހަށް ވުރެ ކުރިން ތަޅުދަނޑި ހަވާލުކޮށް ނިންމުމުގެ މަސައްކަތް ފަށައިފި އެވެ.
ފްލެޓްތައް ހަވާލުކުރުން އަވަސް ކުރަން ނިންމީ، އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށާ ދިރާސީ އަހަރުގެ ކުރިން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ. މާލޭގެ އެކި އަވަށްތަކާ އެކު ރައީސް ބޭއްވެވި ބައްދަލުވުންތަކުގައި، ފަހި ފްލެޓްތަކުގެ ތަޅުދަނޑި އަވަހަށް ހަވާލުކޮށް، ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދޭން ގިނަ ބަޔަކު ވަނީ އެދިފަ އެވެ.
އެ ހުށަހެޅުމާ އެއްގޮތަށް، ކުއްޔާއި ޑައުންޕޭމަންޓް ވެސް ވަނީ ކުޑަކޮށްފަ އެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، "މިހާރު" އަށް މިއަދު ވިދާޅުވީ ފްލެޓުގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހު އެންގުމުގެ ގޮތުން ޕޯޓަލް މެދުވެރިކޮށް މިރެއިން ފެށިގެން ނޯޓިސް ފޮނުވަމުންދާނެ ކަމަށެވެ.
ހަމްދާން ވިދާޅުވި ގޮތުގައި ވަރަށް އަވަހަށް އެކަމުގެ އިތުރު ތަފްސީލު ވެސް އާންމުކުރާނެ އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމުމަށް ކަމާ ގުޅުން ހުރި ކުންފުނިތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ތަޅުދަނޑި ހަވާލުކުރުމުގެ ކަންކަން ފަހި ޕޯޓަލް މެދުވެރިކޮށް ކުރިއަށް ދާނެ ކަމަށް ވެސް ބުންޏެވެ.
މި މަހުގެ ކުރީކޮޅު އެފްޑީސީން އާންމުކުރި ގޮތުގައި ހުރިހާ ފްލެޓެއް ހަވާލުކޮށް ނިމޭނީ ޖެނުއަރީ މަހުގެ ފަހު ހަފުތާގަ އެވެ. އޭރު ވަނީ އެކި ޓަވަރުތައް ވަކިވަކިން ހަވާލުކޮށް ނިމޭނެ ތާރީހުތައް އާންމުކޮށްފަ އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ އެ ފްލެޓުތައް ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ. ފްލެޓުގެ ތަޅުދަނޑި ހަވާލުކުރަނީ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ.
ސޯޝަލް އެހެން ސްކީމްތަކާ އަޅާބަލާއިރު އެތަނުގެ ކުއްޔާއި ޑިޕޮސިޓް ބޮޑުކަމަށް އާއްމުންގެ ފަރާތުން ލިބުނު ޝަކުވާތަކާ ގުޅިގެން ރައީސް ވަނީ މި ފްލެޓުތަކުގެ ކުއްޔާއި ޑިޕޮސިޓް ކުޑަކޮށްފަ އެވެ.
ދެ ކޮޓަރީގެ ފްލެޓަށް ކުއްޔާއި މެއިންޓެނަންސްއާ އެކު މަހަކު ދައްކަންޖެހޭ މިންވަރު 8،000ރ. އިން 7000ރ. އަށް މިހާރު ވަނީ ކުޑަކޮށްފަ އެވެ. އަދި ޑިޕޮސިޓަށް ދައްކަންޖެހޭ 15،000ރ. ގެ ބަދަލުގައި 6،000ރ. ދައްކަންޖެހޭ ގޮތަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.
އެ ބަދަލާ އެކު ތިން ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު ދައްކަން ޖެހެނީ 10،000ރ. އެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހޭ ވަރު 8،500ރ. އަށް ވަނީ ކުޑަކޮށްފަ އެވެ.
ކުރިން ތިން ކޮޓަރިއަށް ކަނޑައަޅާފައި ވަނީ 11،500ރ. އަށެވެ. އެ ތަނަށް ސެކިއުރިޓީ ޑިޕޮސިޓަށް އޭރު ކަނޑައަޅާފައި އޮތީ 25،000ރ. އެވެ.
ތަޅުދަނޑި ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހެ އެވެ. އެކަމަކު ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހެ އެވެ.
އެ މަޝްރޫއުގައި ހިމެނޭ 17-18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ.