ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް އަޅަން ނިންމައި އެ މަސައްކަތް ކުރިއަށް ގެންދިއުމާ ބެހޭ މަޝްވަރާތައް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ. 

އެފްޑީސީގެ "އަމާން އުދަރެސް" އާއި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދިރިއުޅޭ ޔުނިޓްތައް ފާހަގަކުރުމަށާއި އެ ޓަވަރުތަކުގައި ދިރިއުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހަމްދާން ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ފެށި މަސައްކަތެއް ކަމަށާއި ހުރިހާ ޔުނިޓްތަކެއްގައި ވެސް ސަލާމަތީ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ޔުނިޓްތައް އިސްކޮށް އެ ހިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ. 

ހުޅުމާލެ 2 ގެ ރެސިޑެންޝަލް ޓަވަރުތަކުގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކުރުމަށް އެޗްޑީސީ އަށް އެންގުމަށް އިއްޔެ މާލެ ސިޓީ ކައުންސިލުން ވެސް ފާސްކޮށްފައިވެ އެވެ. 

ފްލެޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައި މި ވަނީ ސްޓެލްކޯގެ ފްލެޓް އިމާރާތެއްގެ 12 ވަނަ ބުރިން، އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު މިދިޔަ އަންގާރަ ދުވަހު ވެއްޓި ނިޔާވެފައި ވަނިކޮށެވެ. އޭގެ އެއް ދުވަސް ކުރިން އެފްޑީސީގެ ފްލެޓަކުން އުމުރުން 16 އަހަރުގެ ކުއްޖަކު ވެއްޓިފައިވެ އެވެ. އެ ކުއްޖާގެ ހާލު ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

ހުޅުމާލެ 1 އާ ހިލާފަށް ހުޅުމާލެ 2 ގައި އުސް އިމާރާތްތައް ގިނަވެ، ހަލުވިކަމާ އެކު އާބާދީ އިތުރުވަމުން ދާއިރު އުފެދޭ މައްސަލަތައް ވެސް ދަނީ ބޮޑުވަމުންނެވެ.