ހިޔާ ފްލެޓްތަކުން އަންނަ މަހުން ފެށިގެން ކުނި އުކައިދޭނީ ފީ ދެއްކުމުން ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ މޭ 1 އިން ފެށިގެން ހިޔާ ފްލެޓްތަކަށް ދޭ ވެމްކޯގެ ހިދުމަތަށް ބިލް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ކޮންމެ މަހަކު ކުނި އުކައިދޭނީ 150ރ. ދެއްކުމުން ކަމަށެވެ. މާލެ ސަރަހައްދުގައި ހުރިހާ ގޭބިސީއަކުން މިހާރު ވެސް ކުނި އުކައިދެނީ ވެސް އެ އަގަށެވެ.

ވެމްކޯގެ ބިލް އަދި އެކައުންޓްގެ ތަފްސީލު ފޮނުވާނީ ރަޖިސްޓަރީ ކޮށްފައިވާ ފްލެޓްގެ ވެރިފަރާތުގެ ފޯނަށް އެސްއެމްއެސްގެ ޒަރިއްޔާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޭބީސީތަކަށް ދެނީ ދުވަހު ކުންޏަށް ހާއްސަ ހިދުމަތެއް ކަމަށާއި އެ ނޫން ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކޯޕަރޭޝަންގެ "ކޯލް އެންޑް ޕިކަޕް"ގެ ހިދުމަތަށް އެދެން އިއުލާނުގައިވެ އެވެ.

ހިޔާ ފްލެޓްތަކުން މިހާރު ކުނި އުކައިދެނީ، ފްލެޓްތަކުގެ ތިރީގައި ބަހައްޓާފައި ހުންނަ ވެމްކޯގެ ޑަސްބިންތަކަށް ކުނި އެޅުމުން ހިލޭ އެވެ.

މަގުތަކުގައި ކުނިތައް ގިނަވެ، މުޅި ހުޅުމާލެ އަށް މި ރޯދަމަހު ކުނީގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. ހާއްސަކޮށް ހިޔާ ފްލެޓް ސަރަހައްދު އޮތީ ވަރަށް ބޮޑަށް ގޮނޑުވެފަ އެވެ.

އެތަނުގެ އެކި ސަރަހައްދުތަކުގައި ކުނި އެޅުމަށް ވެމްކޯ އިން ޑަސްބިން ބައްޓާފައި ހުއްޓަސް، ކުނިވާ ޒާތުގެ ކުނިތައް އުކާލުމުގައި ހަމައެއްލަމެއް ނޯވެ އެވެ. ބައެއް ޓަވަރުތަކުގެ ގްރައުންޑް ފްލޯގައި، ފަޅައިގެން ގޮސްފައިވާ ކުނި ކޮތަޅުތައް ބަހައްޓާފައި ހުންނައިރު، މުޅި ތަނުން ނުބައިވަސް ދުވާތީ އެތަނުގައި އުޅޭ ބައެއް މީހުން ޝަކުވާ ވެސް ކުރެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ރޯދަމަސް ފެށުނު ފަހުން އެކަނި ވެސް ހިޔާ ފްލެޓްތައް ކައިރިން 150 ޓަނުގެ ކުނި ނަގައި އެތަން ސާފުކޮށްފައިވެ އެވެ.