ހުޅުމާލެ ފަޅުތެރެއަށް ކުނި އަޅާ މައްސަލާގައި ޒިންމާވާން ޖެހޭނީ އެތަނުގައި އަޅައިގެން ތިބޭ ސަފާރީތަކުން ކަމަށް އިޝާރާތްކުރައްވައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް، އެކަމާ ގުޅޭ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވައިފި އެވެ.
ފޭސްބުކްގައި މުޖުތަބާ އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ފަޅުތެެރޭގައި އޮންނަ ކުނިތަކާއި ވެމްކޯއާ މާ ބޮޑު ގުޅުމެއް ނެތްކަން ސަފާރީ ބޯޓު އަޅައިގެން ތިބޭ މީހުންނަށް އެނގޭނެ ކަމަށެވެ.
ހުޅުމާލެ ފަޅުތެރެއިން މައިގަނޑު ގޮތެއްގައި ފެންނަނީ ފްލާސްޓިކް ފުޅި ކަމަށާއި ޕްލާސްޓިކް ފުޅިއަކީ އެކަމަށް ހާއްސަ ދެ ޖަމިއްޔާއެއް ކަމަށްވާ ޕާލޭ އާއި އެމްއޯޕީއޭ އިން ވަރަށް ޒިންމާދާރުކަމާ އެކު ވެމްކޯގެ ހުޅުމާލެ ސައިޓުން ނެޓް ބޭގާއި ޖަމްބޯ ގޯންޏަށް އަޅައިގެން ރިސައިކަލް ކުރަން ގެންދާ އެއްޗެހި ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
"ޕްލާސްޓިކް ފުޅި ނަގަނީ ފިއްތާފައި. ނަމަވެސް ހުޅުމާލެ ފަޅުތެރޭގައި ހުންނަ ފުޅި ހުންނަނީ ހުރި ގޮތަށް ޑަމްޕް ކޮށްފައި [އުކާފައި]،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ 1 އާއި 2 ގުޅުވައިދޭ ޗެނަލް ބްރިޖުގެ ފަޅުތެރެއިން ޕްލާސްޓިކް ފުޅި އޮޔާދާތަން ފެންނަތާ މިހާރު ވަނީ ގިނަ ދުވަސްތަކެއްވެފަ އެވެ. ވެމްކޯ އާއި އެޗްޑީސީން އެތަން ސާފުކުރިޔަސް، އަނެއް ދުވަހު އޮންނަނީ ފުޅިތަކުން ފަޅު ފުރިފަ އެވެ.
މުޖުތަބާ ވިދާޅުވި ގޮތުގައި، ހުޅުމާލެ ފަޅުތެރޭގައި އޮންނަ އެއްވެސް ސަފާރީއަކުން ވެމްކޯ ސައިޓުތަކަށް ކުންޏެއް ނުގެންދެ އެވެ. އެހެންވެ، ސަފާރީތަކުން އުފެދޭ ކުނި ގެންދަނީ ކޮންތާކަށްތޯ ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލެ ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމަކީ ވެމްކޯގެ ޒިންމާއަކަށް ނުވިޔަސް، ފަޅުތެރެ ސާފުކުރުމަށް ވަކި ހާއްސަ ޑިންގީއެއް ބާއްވައިގެން ހަފުތާއަކު ތިން ދުވަހު އެ ކުންފުނިން އެކަން ކުރާ ކަމަށެވެ. އަދި އެއީ އާންމުންނަށްޓަކާ ކޮށްދޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"އެޗްޑީސީން މިކަމުގައި ފުރިހަމަ އެއްބާރުލުން ވެމްކޯއަށް ދޭ. އެޗްޑީސީ އާއި ވެމްކޯ ގުޅިގެން މިހާރު ވެސް ޖޮއިންޓް އެފޯޓެއް އެބަ ލާ ފަޅުތެރެ ސާފުކުރުމަށް. ފަޅު ބޭނުންކުރާ ފަރާތްތަކުގެ ޒިންމާ މިކަމުގައި ބޮޑު. ސުވާލު އުފައްދާ ފަރާތްތަކުން ވިސްނާލަން ރަނގަޅު ކަމެއް މިއީ،" އޭނާ ވިދާޅުވި އެވެ.
މުޖުތަބާ ފޭސްބުކްގައި މި ޕޯސްޓު ކުރެއްވީ ހުޅުމާލެއިން ކުނި އުކާލުމުގެ މަސައްކަތް ވެމްކޯ އިން ކުރާއިރު ފަޅުތެރެއަށް ކުނި އެޅި ހަޑިވާ ކަމަށް ވިދާޅުވެ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެކަމާ ގުޅޭ ގޮތުން ސިޓީއެއް މެދުވެރިކޮށް ސުވާލު ކުރެއްވުމުންނެވެ.
ކުޑޫގެ ސިޓީގައި ވިދާޅުވީ ހުޅުމާލެއިން ކުނި އުކާލުމުގެ މަސައްކަތްކުރާއިރު ފަޅުތެރެއަށް ކުނި އެޅި ހަޑިވަމުންދާ ކަމަށާއި ހުޅުމާލޭގައި ދިރިއުޅޭ މީހުން ސިއްހީ އަދި އިޖުތިމާއީ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުމަކީ ވެމްކޯގެ ޒިންމާއެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، ހުޅުމާލެ ފަޅުތެރެއަށް ކުނިއެޅެން މެދުވެރިވާ މައިގަނޑު ސަބަބު ސާފުކޮށްދިނުމަށް އެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
ހުޅުމާލޭގައި ކުނި މެނޭޖުކުރުމަށް ވެމްކޯއަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އެޗްޑީސީން މިދިޔަ ހަފުތާގައި ވަނީ އެ ކުންފުންޏަށް ވަގުތީ ގޮތުން ބިމެއް ވެސް ހަމަޖައްސައިދީފަ އެވެ.