ކ. ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާ އެނދި ކުނިތައް ހދ. ކުނބުރުދުއަށް ގެންދަން ނިންމާފައިވާ ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ. 

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް "މިހާރު" އަށް ވިދާޅުވީ އަލިފާންގަނޑު މިހާރު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި އެނދި ކުނިތައް އެތަނުން ނަގައި، ކުނބުރުދޫގައި ހިންގާ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިހާރު މިތަނުގައި އަނދާފައި ހުރި ހުރިހާ ކުންޏެއް އަރުވައިގެން އަޅުގަނޑުމެން ގެންދާނީ އެއްކޮޅަށް [ކުނބުރުދުއަށް]. އެމްޓީސީސީއާ ވާހަކަ ދައްކައިގެން މާދަމާގެ ވަގުތަކަށް ޝެޑިއުލް ކުރެވޭތޯ މި ބަލަނީ ޓަގަކަށް [ކުނިތައް] ލޯޑްކުރަން،" މުޖުތަބާ ވިދާޅުވި އެވެ. 

އެނދި ކުނިތައް މާދަމާ ނަގަން ފެށުމާ އެކު، ވެމްކޯގެ އޮޕަރޭޝަންތައް އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވި ކަމަށް ވެމްކޯ އިން ކުރިން ބުނެފައިވެ އެވެ. އެ ހާދިސާގެ ސަބަބުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަނަށް ބުރޫއަރައި، ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ޖެހުނެވެ. 

މުޖުތަބާ ވިދާޅުވި ގޮތުގައި، މިދިޔަ ހަފުތާއެއްހާ ދުވަހު ގޭބިސީތަކުން ކުނި ނެގުނީ "ހަމަ ކިރިޔަ ކިރިޔާ" އެވެ. 

"އެހެން ބާވަތްތަކުގެ ކުނި ނަގަން ފަށައިފިއްޔާ މުޅި އޮޕަރޭޝަން ހުއްޓިދާނެތީ އަވަހަށް ކުނިވާ ޒާތުގެ އެއްޗެހި އެކަނި މި ނަގަމުން ދަނީ،" އޭނާ ވިދާޅުވި އެވެ. 

މުޖުތަބާ ވިދާޅުވީ ތިލަފުއްޓަށް ގެންދާ ކުނި އެ ތަނުގައި ބަހައްޓައިގެން ކުނިވާ ޒާތުގެ ކުންޏާއި ފަންކުނޑި އާއި ގްރީން ވޭސްޓް އަދި ހުޅުހިފާ ޒާތުގެ ކުނި ވެސް ވަކިކުރާ ކަމަށެވެ. ސައިޓުގައި ރޯވީ ވަކިކޮށްފައި ހުރި ހުޅުހިފާ ޒާތުގެ ކުނީގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމްޑީ ވިދާޅުވި ގޮތުގައި، އެ ތަކެތީގައި ރޯވި ކަމަށް ބެލެވެނީ މިދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް ހޫނުގަދަވެ، އަވީގައި ގިނައިރު އެ ތަކެތި ހުރުމުގެ ސަބަބުންނެވެ.

އެ ހާދިސާގައި ފަންސާއެއްހާ ޓަނުގެ ކުނި އަނދައިގެން ގޮސްފައިވާ ކަމަށް މުޖުތަބާ ވިދާޅުވި އެވެ. 

އެމްއެންޑީއެފުން ކުރިން ބުނި ގޮތުގައި، މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިނގި އެ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުމާ އެކު، ތިލަފުށީ ފަޔާ ސްޓޭޝަނުންނާއި މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފަ އެވެ. 

އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާ ވަަރަށް ކޮންޓްރޯލް ކުރެވުނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 8:00 ހާއިރު އެވެ. އެކަމަކު އަލިފާނުގެ އަސަރު ކުނިތަކުގައި ހުރުމުން ފަޔާ ފައިޓަރުން ދިޔައީ އޭގެ ފަހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ. އޭގެ ފަހުން، މިދިޔަ އާދިއްތަ ދުވަހު ވެސް އެެތަނުގައި އަލުން ރޯވި އެވެ.