މާލޭގައި އަމިއްލަ ފަރާތްތަކުން ކުނި އުކާލުމަށް ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ކުނި އުކާލުމުގެ އުސޫލެއް ހަދަން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ރަސްމީ އާންމު ޖަލްސާގަ އެވެ. މި މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު ފަރުހާން ޝަފީއު އެވެ.
މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ މާލެ ސިޓީ ތަރައްގީވަމުން އަންނައިރު ވިޔަފާރިތަކުން އުފައްދާ ކުނި އިތުރުވަމުންދާ ކަމަށާއި، ނަމަވެސް ކުނި އުކާލުމުގެ ހިދުމަތްދޭ ފަރާތްތައް ރެގިއުލޭޓް ކުރާނެ ހަރުދަނާ އުސޫލެއް ނެތުމުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވަމުންދާ ކަމަށެވެ. އަދި މާލޭގެ ސާފުތާހިރުކަން ދަމަހައްޓަން ވެސް ހުރަސްތަކާ ކުރިމަތިވާކަން ފާހަގަކުރެއްވި އެވެ.
އެހެންވެ، އޭނާ ހުށަހެޅުއްވީ މާލޭގައި ކުނި އުކާލުމުގެ ހިދުމަތްދޭ އަމިއްލަ ފަރާތްތަކުން ކައުންސިލުގައި ރަޖިސްޓްރީވާން ޖެހޭ ގޮތް ހަދައި، އަހަރަކު އެއްފަހަރު އެ ރަޖިސްޓްރީ އާކުރަން ޖެހޭ ގޮތް ހެދުމަށެވެ. އަދި ޓްރެފިކަށް ބާރުބޮޑުނުވާ ގޮތަށް ކުނި އުކާލުމަށް ގަޑިތަކެއް ތަރުތީބުކުރަން ވެސް ހުށަހެޅުއްވި އެވެ.
މީގެއިތުރުން، ކުނި އުކާލާ އުޅަނދުތަކުގައި ކުންފުނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ފެންނަ ގޮތަށް ބަހައްޓައި ސަލާމަތީ މިންގަނޑުތައް ވަރުގަދަ ކުރަން އުސޫލުގައި ހިމަން ހުށަހަޅާފައިވެ އެވެ. އަދި ކުނި އަޅާފައިވާ ބައި ރަނގަޅަށް ބަންދުކުރުމާއި މަގުމައްޗަށް ކުނި ނޭޅޭ ގޮތަށް ބެހެއްޓުމަށް ލާޒިމް ކުރަން ވެސް ހުށަހަޅާފައިވެ އެވެ.
ސިޓީ ކައުންސިލުން އެކުލަވާލާ އުސޫލާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ވެސް ނިންމާފައިވެ އެވެ. އެގޮތުން، އުސޫލާ ހިލާފުވާ ނަމަ ރަޖިސްޓްރީ ހިފެހެއްޓުމާއި ބާތިލް ކުރުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް ހިމަނަން ކައުންސިލަރު ހުށަހަޅުއްވާފައިވެ އެވެ.
ކުނީގެ މައްސަލަ ބޮޑުވަމުން ދާާއިރު، ކުނި އުކާލުމުގެ ހިދުމަތް ދޭ ވެމްކޯ އާއި ސިޓީ ކައުންސިލާ ދެމެދު ދެބަސްވުންތައް އިތުރުވެފައި ވަނިކޮށް ހުށަހެޅި މި ގޮތަށް ހުރިހާ ކައުންސިލަރުން ތާއީދުކުރައްވައި ވާހަކަ ދެއްކެވި އެވެ. އަދި މި އުސޫލު އެކުލަވާލަން ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ކޮމިޓީއަށް ފޮނުވުމަށް ވަނީ ނިންމައިފަ އެވެ.