ކުނި އުކާލުމުގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ވެމްކޯގެ މިހާރުގެ މެނޭޖްމަންޓް ވަރަށް ކަންނެތް ކަމަށާއި ކުނި އުކުމުގެ ކެޕޭސިޓީ އިތުރުނުކޮށް ތިބީ "ހަމަ ގަސްދުގައި" ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ރަސްމީ އާންމު ޖަލްސާގައި ވަނީ ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ބޮޑެތި ކުނި އުކައިދިނުމުގެ ހިދުމަތް ސިޓީ ކައުންސިލުން ފެށުމަށް ހުށަހަޅައިފަ އެވެ. 

އެ މަައްސަލަ ހުށަހެޅުއްވީ ހުޅުމާލޭގެ އުތުރު ދާއިރާގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި އެ ހިދުމަތް ފެށުމަށް ހުށަހެޅުއްވީ މާލޭގެ މަގުތަކަށް ފްރިޖާއި ގޮދަޑި އާއި ސޯފާ ފަދަ ބޮޑެތި ކުނިތައް ނެރެފައި ހުންނަ މައްސަލައިގަ އެވެ. އެކަމަކު އެ ކުނިތައް ވެމްކޯ އިން އުކާނުލާ ބަހައްޓައިފި ނަމަ އެ އެއްޗެހި ނަގައި މަގު ސާފުކުރަން ޖެހެނީ ސިޓީ ކައުންސިލަށެވެ. 

ހިލޭ ސާބަހަށް މިހާރު އެ ހިދުމަތް ދޭންޖެހޭއިރު އެކަމާ ގުޅިގެން ޒާޔާ ވިދާޅުވީ މިހާރު ވެމްކޯ އިން ބޮޑެތި ކުނި އުކާލަދެނީ 550ރ. ދީގެން ކަމަށާއި އެހެންވެ އެއީ ގިނަ މީހުންނަށް ދެއްކޭ ވަރަށް ވުރެ ބޮޑު އަގެއް ކަމަށެވެ. އެހެންވެ، ކުނިތައް މަގުތަކަށް ނެރެފައި ހުންނަނީ އޭނާ ވިދާޅުވި ގޮތުގައި ކޮންމެވެސް ބަޔަކު އުކާލަދޭނެ ކަމަށް ބަލައިފަ އެވެ. 

ނަމަވެސް މި ފަހުން ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޮޑެތި ކުނި އުކާލަދިނުން ވެމްކޯ އިން ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. ވެމްކޯއަށް ގުޅައިގެން އެކަމަށް އެދުމުން ވެސް ކުނިތައް އުކައިނުދޭ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފަ އެވެ. 

އެ މައްސަލާގައި މޭޔަރު ވިދާޅުވީ ވެމްކޯއަކީ ވަރަށް ބޮޑަށް ރައްޔިތުން ނިކަމެތި ކުރަމުންދާ ކުންފުންޏެއް ކަމަށެވެ.

"އަޅުގަނޑު ވެސް މަސައްކަތް ކޮށްފިން އެ ބޭފުޅުންގެ ސީނިއާ ބޭފުޅުންނާ ބައްދަލުކުރަން. ވެމްކޯގެ މުވައްޒަފުންނަކީ ވަރަށް މުރާލި ބައެއް. އެހެން ނަމަވެސް ވެމްކޯގެ މެނޭޖްމަންޓަކީ ވަރަށް ކަންނެތްް، ވަރަށް ރައްޔިތުންނާ ގުޅުން ނެތް ބައެއް،" އާޒިމް ވިދާޅުވި އެވެ. 

މޭޔަރު ވިދާޅުވި ގޮތުގައި މާލެތެރެ އަށް ކުނި ނެރެފައި ހުންނަނީ ވެމްކޯ އަށް އެ ކުންފުނީގެ ޒިންމާ އަދާނުކުރެވޭތީ އެވެ. އަދި ކުންފުނީގެ ކެޕޭސިޓީ އިތުރުނުކޮށް ވަނީ ގަސްދުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

"މާލޭތެރެއަށް އެ އުކާ ކުންޏަކީ ވެމްކޯ އަށް އެކަން ނުވެގެން އުކާ ކުނިކޮތަޅުކަން ފާހަގަވަނީ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގަސްދުގައި ވެމްކޯ އިން ކުރާ ކަމެއް. ގަސްދުގައި އެމީހުންގެ ކެޕޭސިޓީ އިތުރު ނުކުރަން އެ ތިބީ،" އާޒިމް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ކުނިތައް ނަގައި އުކަން ދިއުމުން، ކޮންމެ ލޯޑަކަށް ޗާޖު ކުރަނީ އާންމުން އަތުން ނަގާ މިންވަރަށް ވުރެ 10 ގުނަ ބޮޑުކޮށް ކަމަށެވެ. 

"އެ ޖެއްސުން ވެސް އެބަ ކުރޭ. އެހެން ނަމަވެސް ރައްޔިތުންނަށް މާލެތެރެ ހަޑިކޮށް އޮތީމަ ބަލިމަޑުކަމެއް ލިބިދާނެތީ އަޅުގަނޑުމެންގެ ޓީމުން ސާފުކޮށްގެން ގެންދާ ކޮންމެ ފަހަރަކު އާންމު ރައްޔިތުން އަތުން 1،000ރ. ނަގާ ކަމަށް ވަންޏާ ސިޓީ ކައުންސިލުގެ އަތުން އެބަ ނަގާ 10،000ރ. ޖުމްލަ ގޮތެއްގައި. މިވަރުގެ ޖެއްސުންކުރާ ކުންފުންޏެއްގެ ވާހަކަ މި ދައްކަނީ،" ނުރުހުން ފާޅުކުރައްވާ މޭޔަރު ވިދަޅުވި އެވެ. 

މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގައި މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގައި މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ސިޓީ ކައުންސިލް

ވެމްކޯ ހަރުދަނާ ކުރަންޖެހިފައިވާ ކަމަށާއި ނޫން ނަމަ ހިދުމަތްތައް ސިޓީ ކައުންސިލުގެ ދަށަށް ގެނެސްގެން ވިޔަސް އެކަންކަން އިސްލާހު ކުރަން ޖެހިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. ވޭސްޓް މެނޭޖްކުރުމަކީ ކައުންސިލުގެ ޒިންމާއެއް ކަމަށް ގާނޫނުގައި އޮންނަ ކަމަށާއި އެކަމަކު އެ އެއްޗެހި ނަގައިގެން އައިސް ބަހައްޓާނެ ތަންތަނާއި އެކަމަށް ސެޓަޕެއް ހެދުމަކީ ކައުންސިލަށް ދެކޮޅު ޖެހޭނެ ކަމެއްތޯ ބަލައި ހައްލެއް ހޯދަން ޖެހިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. 

އާޒިމް ސިފަ ކުރެއްވި ގޮތުގައި މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ މާލެއަށް މީގެ އަހަރުތަކެއް ކުރިން ދިމާވި ފެނުގެ މައްސަލަ ފަދަ މައްސަލައެއްގެ ގޮތުގަ އެވެ. 

"ކޮންމެ ދުވަހަކު ކުނި ނަގަން އެބަޖެހޭ. އެކަމަކު އެކަމަށް އެޓެންޑް ކުރަން ސަރުކާރުން ހަދާފައި އޮތް ކުންފުނި އެކަމަށް އެޓެންޑް ނުކުރާތަން ފެންނަނީ. ވަރަށް ފަރުވާކުޑަކޮށް އަމަލުކުރަމުންދާތަން ފެންނަނީ. އެކަމަށް ސަމާލުކަން ދޭންޖެހޭ ވަރަށް ސަމާލުކަން ނުދެވޭ މަންޒަރު ފެންނަނީ،" 

"އަޅުގަނޑު ގަބޫލުކުރަނީ މިއީ އެމީހުން [ވެމްކޯ] އިން ހަމަ ގަސްދުގައި ކުރާ ކަމެކޭ މާލެ ތެރެ ހަޑިކޮށް ކައުންސިލު ބަދުނަމާކުރުމަށްޓަކާ." 
މޭޔަރު އާދަމް އާޒިމް

ސަރުކާރުން މި މައްސަލައިގެ ތެރެއަށް ވަންނަން ޖެހިފައިވާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ވެމްކޯގެ ބޯޑާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ ބޯޑުގައި ވެސް ކައުންސިލުގެ މެމްބަރަކު އިންނަން ވާނެ ކަމަށާއި ގާނޫނުގައި އެކަން ކައުންސިލަށް މަތިކޮށްފައިވާ ނަމަ، އެގޮތަށް އެކަން ބަދަލުކުރަންޖެހޭނެ ކަމަށެވެ. އޭރުން މިފަދަ ހާދިސާތައް ހިނގުމުން، ކައުންސިލަށް ވެސް އެ ކަންކަމުގެ މައުލޫމާތު ލިބޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ. 

ވެމްކޯ ސައިޓުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ސަބަބުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަނަށް ބުރޫއަރައި، ކުނި ބަލައިގަންނަ މިންވަރު ވަނީ މަދުކޮށްފަ އެެވެ. އެހެންވެ، މާލޭގެ އެތަން މިތަނުގައި ބޮޑެތި ކުނިތައް ޖަމާކޮށްފައި އެބަ ހުއްޓެވެ. 

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް އިއްޔެ "މިހާރު"އަށް ވިދާޅުވި ގޮތުގައި އެ ތަކެތީގައި ރޯވި ކަމަށް ބެލެވެނީ މިދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް ހޫނުގަދަވެ، އަވީގައި ގިނައިރު އެ ތަކެތި ހުރުމުގެ ސަބަބުންނެވެ. އެ ހާދިސާގައި ފަންސާއެއްހާ ޓަނުގެ ކުނި އަނދައިގެން ގޮސްފައިވެ އެވެ. 

އެނދި ކުނިތައް އެތަނުން ނަގައި، ހދ. ކުނބުރުދޫގައި ހިންގާ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ވެމްކޯ އިން މިއަދު ފަށާނެ އެވެ.