އާ އަހަރު ފެށުން ފާހަގަކުރުމަށް ހުޅުމާލޭގައި މިއުޒިކް ޝޯއެއް ބާއްވަން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ، އާ އަހަރަށް މަރުހަބާ ކިޔަން މި ފަހަރުގެ ޝޯ ވެސް ބާއްވާނީ ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައި ކަމަށެވެ.
އެ ޝޯ ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގަ އެވެ.
އެ ޝޯގައި ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ޕަވްނީ ޕާންޑޭގެ ހުށަހެޅުންތަކެއް ފެންނާނެ އެވެ. ފަވްނީގެ މަޝްހޫރުވެގެން ގޮސްފައި ވަނީ 2017 ވަނަ އަހަރު ނެރުނު ޝާހްރުކް ހާންގެ ފިލްމް "ރައީސް" ގެ "ލައިލާ މެ ލައިލާ" ގެ ލަވަ އިންނެވެ.
ޔޫތު މިނިސްޓްރީން ބުނީ އެ ޝޯގައި ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގުރޫޕްތަކާއި މިއުޒިކް ބޭންޑްތައް ވެސް ފެންނާނެ ކަމަށެވެ.
އޭގެ ތެރޭގައި ހަބޭސް ބޮޑުބެރު ގްރޫޕާއި ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ ހިތްގައިމު ހުށަހެޅުންތަކެއް ފެންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިއުޒިކު ޝޯގެ އިތުރުން އާ އަހަރު ފެށުމާއެކު ހުޅުމާލޭގައި ހަވާ އަރުވަން ވެސް ވަނީ ނިންމައިފަ އެވެ.