ބައިނަލްއަގުވާމީ ނުވަތަ ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާގެ މިންގަނޑަށް ފެތޭ ގޮތަށް ހުޅުމާލޭގެ ސިންތެޓިކް ޓްރެކް އަލުން އެޅުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރުންނާ ސުވާލުކުރަން ބާއްވަމުން އަންނަ "އަހާ" ފޯރަމްގައި ކުރިމަތިކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ސިންތެޓިކް ޓްރެކްގެ ހާލަތު އޮތީ އަލުން މަރާމާތުކުރުމުގެ ބަދަލުގައި ބޮޑު ބަދަލެއް ގެންނަންޖެހޭ ގޮތަށް ކަމަށެވެ.

އެއީ ޓްރެކް އޮތް ގޮތުން، ވޯލްޑް އެތުލެޓިކްސްގެ މިންގަނޑަށް ނުފެތޭތީ ކަމަށް ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޭގެ ސަބަބުން އެ ތަނުގައި ބާއްވާ މުބާރާތެއްގައި ކިތަންމެ ބާރު ސްޕީޑެއްގައި ދުވި ނަމަވެސް އެ ރެކޯޑެއް ބަލައިގަނެވޭނެ ގޮތެއް ނޯންނަ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން ޓްރެކް ހަދަން މި ޖެހެނީ ވޯލްޑް އެތުލެޓިކްސް ގަބޫލުކުރާ ފެންވަރަށް. އަޅުގަނޑުމެންގެ އެތުލީޓުން ހޯދާ ނަތީޖާ ގަބޫލުކުރާ ފެންވަރަށް،" ސްޕޯޓްސް މިނިސްޓަރު ވިދާޅުވި އެވެ.

ރާފިއު ވިދާޅުވި ގޮތުގައި އެ މިންގަނޑަށް ފެތޭގޮތަށް ޓްރެކް ހެދުމަށްޓަކައި، މިހާރު އޮތް ސިންތެޓިކް ޓްރެކް އެއްކޮށް ނަގަން ޖެހެ އެވެ.

"އެހެންވީމާ ފުލް ޕޮލިއުރެތޭން (މެޓީރިއަލްގެ) ސިންތެޓިކް ޓްރެކެއް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިދަނީ ކުރަމުން. ﷲ އިރާދަކުރެއްވިއްޔާ އަންނަ މަހު އެކަކުން [އަންނަ ބުރާސްފަތި ދުވަހުން] ފެށިގެން އެ މަސައްކަތް އަމަލީ ގޮތުން ކުރެވިގެންދާނެ،" ރަފީއު ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ އެ ތަނަށް ބޭނުންވާ ތަކެތި އޯޑަރު ކޮށްފައިވާ ކަމަށެވެ. އަދި އެ ތަނުގެ ހުރިހާ ތަފުސީލީ ކުރެހުންތަކެއްގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މާލެ ސަރަހައްދުގައި އޮތް ދެ ޓްރެކަކީ ދެ ވައްތަރުގެ ދެ ޓްރެކެވެ.

އޭނާ ވިދާޅުވީ، މާފަންނު ސްޓޭޑިއަމްގައި އޮތީ "ސްޕްރޭ ފޯމް" ވައްތަރެވެ. އަދި ހުޅުމާލޭގައި މިހާރު އަޅާފައިވާ އޮތް ޓްރެކަކީ "ސޭންޑްވިޗް" ވައްތަރުކަން ފާހަގަ ކުރެއްވި އެވެ. 

"ދެން މީގައި އެންމެ ރަނގަޅު އެއް ވައްތަރު ކަމަށް ކަމާބެހޭ މާހިރުން އަދި [އެތުލެޓިކްސް] އެސޯސިއޭޝަނުން ވެސް ބުނަނީ ފުލް ޕީޔޫ [ޕޮލިއުރެތޭން] ޓްރެކެއް އެޅުމަށް،" ރާފިއު ވިދާޅުވި އެވެ.

އުންމީދަކީ އެ މަސައްކަތް އަންނަ މަހު ފަށައި، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމާލުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު ވިދާޅުވީ ހދ. ކުޅުދުއްފުށީގައި އަޅާ ސިންތެޓިކް ޓްރެކުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެ ރަށުގެ ޓްރެކްގެ މަސައްކަތް ވެސް އަންނަ އަހަރު ކުރީކޮޅަށް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.

އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އަޅާ ސިންތެޓިކް ޓްރެކްތަކުގެ ތެރެއިން ގދ. ތިނަދު އާއި ފުވައްމުލަކާއި ސ. ހިތަދޫގައި ޓްރެކް އެޅުމުގެ މަސައްކަތްވެސް މި އަހަރު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.