ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) އޭނާގެ ސޯޝަލް މީޑީއާގައި ލިއުނީ ސީރިއަސް ވާހަކަތަކެކެވެ. ދަރިއަކަށް އޭނާ އިހުމާލުވި ކަމަށް ބުނެ ފެމިލީ މިނިސްޓްރީގެ ޓީމެއް އެ ގެއަށް ގޮސް ކަން ކުރި ގޮތެވެ. ދަރިއަކު ވެސް ނެތް އަދި ކައިވެންޏެއް ނުކުރާ މައީޝާއާ އަށް މިނިސްޓްރީގެ އެ ތުހުމަތުވީ ވަރަށް ބޮޑު މައްސަލައަކަށެވެ.

އެ ޕޯސްޓު ފެނުމާ އެކު "މިހާރު"ގެ ޒުވާން ނޫސްވެރިޔާ އިފްރާޒް އަލީ އެ މައްސަލަ ކަވަރުކުރީ، ކުޑަކުދިންނަށް ކުރާ އަނިޔާ އާއި އިހުމާލަކީ "މިހާރު" ން ސީރިއަސް އިސްކަމެއް ދީގެން ކަވަރުކުރާ މައްސަލަތަކަކަށް ވާތީ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 23 ގައި "މިހާރު" ގައި ޝާއިއުކުރި އެ ޚަބަރު ވެގެން ދިޔައީ، އަހަރު ތެރޭގައި އެންމެ ހިނގި އާޓިކަލް އަށެވެ. ޚަބަރު ޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ސަމާލުކަން އެ މައްސަލައަށް ހުއްޓުނެވެ.

ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމުގެ ޒިންމާ މަތިވެފައި އޮތް ސަރުކާރުގެ ރަސްމީ އިދާރާއަކުން ކަންކޮށްގެން ވާނެ ގޮތެއް ނޫން ކަމަށް ގިނަ ބަޔަކު ހިޔާލުފާޅުކުރި އެވެ. އެރި އޮޅުމެއް މާބޮޑު މައްސަލައެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރުން ވެސް ކަމުނުގޮސްގެން އަނެއް ބަޔަކު ހިޔާލުފާޅުކުރި އެވެ.

އެ ހާދިސާ ހިނގައިދިޔަ ގޮތް ގެނެސްދިން އެ ޚަބަރު ގިނަ ބަޔަކު ޝެއާކޮށް ހެދި އެވެ. މިދިޔަ އަހަރު "މިހާރު" ގައި ޝާއިއުކުރި އެތައް ހާސް އާޓިކަލްތަކުގެ ތެރެއިން މައީޝާއާ ގުޅޭ އެ ޚަބަރު ލައްކައަކާ ގާތްކުރާ އަދަދަކަށް މީހުން ކިޔާފައި ވެ އެވެ. އެއީ "މިހާރު" ގެ މިދިޔަ އަހަރުގެ ރެކޯޑް އާޓިކަލް އަށް ވުމުން އެނގުނީ ކުޑަކުއްޖެއްގެ ރައްކާތެރިކަމާ ގުޅޭ އެ މައްސަލަ ސީރިއަސްކޮށް ގިނަ ބަޔަކު ނެގި ކަމެވެ.

މައީޝާ "މިހާރު" އަށް ކިޔައިދީފައިވާ ގޮތުގައި ދެ އަހަރުގެ ދަރިފުޅަށް އިހުމާލުވާ ކަމަށް ބުނެ ކާކުކަން ނޭނގޭ ގޮތަށް މީހަކު ރިޕޯޓްކޮށްފައިވާ މައްސަލައަކާ ގުޅިގެން ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އެންމެ ފުރަތަމަ ގުޅީ އޭނާގެ ދައްތައަށެވެ.

"ދައްތައަށް ގުޅާފައި ބުނީ މައީގެ ހުރޭހޭ ދެ އަހަރުގެ ... ކިޔާ ފިރިހެން ކުއްޖެއް ... އަތޮޅެއްގެ ރަށެއްގައި، ކޮންމެ ވެސް މީހަކާ އެކު އަޅުގަނޑު ހޯދާފައި ހުރި. އެ ކުއްޖާ އަޅުގަނޑު އަތުން ނަގަންވެގެންނޭ މި ގުޅީ، އަޅުގަނޑު އުޅޭ ތަނެއް ހޯދާށޭ،" މައީޝާ "މިހާރު" ގެ ނޫސްވެރިންނަށް ދިން އިންޓަވިއުގައި ބުނެފައި ވެ އެވެ.

މައީޝާ އެންމެ ފުރަތަމަ ހީކުރީ އެއީ ޕްރޭންކް ކޯލެއް ކަމަށެވެ. އެކަމަކު، ފަހުން ނަންބަރު ވެރިފައި ކުރުމުން އެއީ މިނިސްޓްރީގެ ނަންބަރެއްކަން ޔަގީން ކުރެވުނެވެ. ވަގުތުން މިނިސްޓްރީ އަށް ގުޅައި ޝަކުވާކުރި އެވެ. ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ ނިޒާމުގެ ދޯދިޔާ ކަމާއި އޭނާގެ އަބުރު ގެއްލުނު މައްސަލާގައި ބޮޑެތި ކަންބޮޑުވުންތައް ފާޅުރި އެވެ.

އެކަމަކު، މައީޝާ އެ ފޯނު ބާއްވަން ޖެހުނީ މާ ބޮޑު ކުރިއެރުމެއް ނެތި އެވެ. އެކަން ހިނގާފައި އޮތް ގޮތް ބެލުމަށް ފަހު ގުޅާނެ ކަމަށް ބުނެ ޖަވާބެއް ދިނުން ފިޔަވައި އިތުރު ކަމެއް މިނިސްޓްރީގެ ފަރާތުން ސާފު ނުވި އެވެ.

އެ ކޯލަށް ފަހު، މިނިސްޓްރީގެ އޮފިޝަލުން މައީޝާގެ ގެއަށް ދިޔަ އެވެ.

"ގެއަށް ގޮސްފައި އެ ބޭފުޅުން ބުނީ އެނޯނިމަސް ރިޕޯޓެއް ކުރިއްޔޭ ... އަތޮޅެއްގެ ރަށެއްގެ ކައުންސިލަކަށް، އަޅުގަނޑުގެ ދަރިއަކު ހުރެޔޭ ކިޔާފައި. އެ އިންފޮމޭޝަން ދިޔައީ ޕޮލިހަށް، ދިޔައިމަ ޕޮލިހުންނޭ [މިނިސްޓްރީއަށް] އެ އިންފޮމޭޝަން ދިނީ. ޕޮލިހުގެ ފަރާތުން ލިބުނު ރިޕޯޓަކަށޭ އެ ބޭފުޅުން [މިނިސްޓްރީން] މި އިންވެސްޓިގޭޓްކުރަނީ،" މައީޝާ ކިޔައިދީފައި ވެ އެވެ.

މައްސަލަ ނިމުނީ މައީޝާގެ ދައްތަ އަށް ގުޅައި މިނިސްޓްރީގެ ފަރާތުން މާފަށް އެދުމާ ހިސާބުންނެވެ.

މި ޚަބަރަށް އައި ގިނަ އަދަދެއްގެ ކޮމެންޓުތަކުން އުފެދިފައި ވަނީ މިނިސްޓްރީން ބަލަންވާ ވަރަށް ނުބެލި މައްސަލައިގެ ބަހުސެވެ. ނިޒާމުގެ ދޯހަޅި ކަމާއި މިނިސްޓްރީން އިހުމާލުވި މުވައްޒަފުންނަށް ފިޔަވަޅު ނޭޅި މައްސަލަ ބައެއް ކޮމެންޓުތަކުގައި ނަގާފައި ވެ އެވެ. އަދި މައީޝާ އަމިއްލަ އަށް އެ މައްސަލަ ސޯޝަލް މީޑިއާ އަށް ދޫކޮށްލުމުން ވެސް ބައެއް ކޮމެންޓުތަކުގައި ފާޑުކިޔާފައި ހުއްޓެވެ.

މި ކަހަލަ ކަންކަން ހިނގައިގެން ނުވާނެ ގޮތަކަށް ނިޒާމުގެ ކަންކަން ރޭވުމާއި ކުޑަކުދިންގެ ރައްކާތެރިކަމަށް އަޅަން ހުރި ފިޔަވަޅުތަކާއި ކަމާ ގުޅުމެއް ނެތް މީހުންގެ އަބުރު ރައްކާތެރިކުރެވޭ ގޮތަށް ކަންކުރުން ފަދަ އެކު އެތައް ވިސްނުންތަކެއް މި އާޓިކަލްއާ އެކު އުފަންވެގެން އަ އެވެ.

އެހެންވެ، މި ޚަބަރުވެގެން ދިޔައީ ކިޔުންތެރިންގެ އެންމެ ބޮޑު އެންގޭޖްމަންޓާ އެކު މިދިޔަ އަހަރު ރެކޯޑަކަށް ވި އާޓިކަލް އަށެވެ.