ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ޒަހީރް އިގްބާލް މި އަހަރު ދެވަނަ ފަހަރަށް ރާއްޖެ އަތުވެއްޖެ އެވެ.

ސޮނާކްޝީ އާއި އިގްބާލް މިދިޔަ ހޯމަ ދުވަހު ރާއްޖެ އައީ އާ އަހަރު ފާހަގަކުރުމަށެވެ. މި ފަހަރު އެ ދެމަފިރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ ކައިރީގައި އޮންނަ ސޯ މޯލްޑިވްސް ރިސޯޓުގަ އެވެ.

ދަތުރުގެ ބައެއް ވީޑިއޯތަކާއި ފޮޓޯތައް ސޮނާކްޝީގެ އިންސްޓަގްރާމް ސްޓޯރީގައި ވަނީ ހިއްސާކޮށްފަ އެވެ.

ސޮނާކްޝީ އާއި އިގްބާލް ވަނީ މިދިޔަ މެއި މަހު ވެސް ރާއްޖެ އަށް އައިސްފަ އެވެ. ދެ ދުވަހުގެ އެ ކުރު ދަތުރުގެ ވީލޮގް ވެސް ސޮނާކްޝީގެ ޔޫޓިއުބްގައި މިދިޔަ ޖޫން މަހު ހިއްސާކުރި އެވެ.

އެ ދެމަފިރިންގެ ވަރަށް ގާތް ރައްޓެއްސެއްގެ ކައިވެނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖެ އައިސް އެ މީހުން އެ ފަހަރު ތިބީ މާލެ އަތޮޅުގައި އޮންނަ ތާޖު އެގްޒޯޓިކާ މޯލްޑިވްސް ރިސޯޓުގަ އެވެ.

އެ ވީލޮގުގައި ސޮނާކްޝީ ބުނީ ރާއްޖޭގެ ނޫ ކަނޑު ފެނުމާ އެކު، އޭނާއަށް ލިބުނު ހިތްހަމަޖެހުން ބުނެދޭން ވެސް ނޭނގޭ ކަމަށެވެ. އަދި ރާއްޖެ އާދެވޭ ކޮންމެ ފަހަރަކު ހިތަށް އަރަނީ މި އާދެވެނީ އޭނާގެ އަމިއްލަ ގެއަށް ކަމަށް އޭނާ ބުންޏެވެ.

ސޮނާކްޝީއަކީ ވަރަށް ގިނައިން ޗުއްޓީއަށް ރާއްޖެ އަންނަ ބޮލީވުޑްގެ ތަރިއެކެވެ.