އިމިގްރޭޝަނުން ދިވެހިންނަށް ހާއްސަކޮށް އިމިގްރޭޝަން ކްލިއަރެންސަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި 10 އީ ގޭޓު ބޭނުން ކުރަން ފަށައިފި އެވެ.
އެ އީ ގޭޓުތައް ހުޅުއްވައި ދެއްވީ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު އެވެ.
ކިއުގައި ޖެހިގެން ތިބޭ ވަގުތު ކުޑަކުރުމުގެ ގޮތުން އާ ޓާމިނަލްގައި 20 އީގޭޓު ހަރުކުރަން ވަނީ ނިންމައިފަ އެވެ. އެރައިވަލް އާއި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލެއްގައި 10 އީގޭޓު ހަރުކުރާނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އެހެން އެއާޕޯޓުތަކުގައި ވެސް އީ ގޭޓުގެ ހިދުމަތް ދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
އާ ޓާމިނަލުގައި މިހާރު ވެސް ޑިޕާޗާ 20 އިމިގްރޭޝަން ކައުންޓަރުން ހިދުމަތް ދޭއިރު އެރައިވަލްގައި އިމިގްރޭޝަން ކައުންޓަރު ވަނީ ބަހައްޓައިފަ އެވެ.
އާ ޓާމިނަލުން މައި ހުރިހާ އެއާލައިނަކަށް މިހާރު ހިދުމަތްދެމުންދެ އެވެ. ސާޅީހަށް ވުރެ ގިނަ އެއާލައިންތަކަށް އެ ޓާމިނަލުން ހިދުމަތް ދޭން ފެށިއިރު، އޭގެ ތެރޭގައި އެމިރޭޓްސް އާއި ގަތަރު އެއާވޭސް ވެސް ހިމެނެ އެވެ.
މިއީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ދުވަސްވަރެވެ. އެހެންވެ، ވެލާނާ އެއާޕޯޓަށް ބާރު ބޮޑުވެ، ހިދުމަތް ހޯދަން ކިއުގައި މަޑުކުރަން ޖެހެ އެވެ. ކިއުތަކުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަ ކުރުމަށް ގިނަ މަސައްކަތްތައް ރާވަމުން އަންނަ ކަމަށް އެމެއޭސީއެލް އިން ބުންޏެވެ.