ސްޕެއިނުގެ ސެވިއްޔާ ގަންނަން، އެ ޓީމުގެ ކުރީގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ހުށަހެޅި 470 މިލިއަން ޑޮލަރުގެ އަގަށް ކްލަބް ނުވިއްކާނެކަން ހާމަވެއްޖެ އެވެ.
ބޭރުގެ އިންވެސްޓަރަކާ ގުޅިގެން ކްލަބް ގަންނަން ރާމޯސް ހުށަހެޅި އަގާ މެދު ސެވިއްޔާގެ މެނޭޖްމެންޓުން އެހާ ބޮޑު ސަމާލުކަމެއް ވެސް ނުދޭކަމަށް ދި އެތުލެޓިކްއާ ވާހަކަ ދެއްކި އެ ކްލަބްގެ އޮފިޝަލަކު ބުންޏެވެ.
ރޯމާސްގެ އިންވެސްޓަރު ބޭނުން ވަނީ ކްލަބްގެ 100 ޕަސަންޓް ހިއްސާއެއްކޮށް ގަންނާށެވެ. އެކަމަކު މުޅި ކްލަބްގެ ވެލިއުއަކީ ވެސް 470 މިލިއަން ޑޮލަރުކަމަށް އެ ކްލަބްގެ އޮފިޝަލް ބުންޏެވެ. އެ ކްލަބްގެ މެނޭޖްމެންޓުން ސީރިއަސްކޮށް އެކަމާ ވިއްސާނާނީ ވެސް އެއަށް ވުރެ ބޮޑު އަގެއް ހުށަހަޅާނަމަ އެވެ.
މެކްސިކޯގެ މޮންޓެރީ ކްލަބާ އެކު ހެދި ކޮންޓްރެކްޓް ޑިސެމްބަރުގެ ނިޔަލަށް ހަމަވުމުން، ރާމޯސް ވަނީ އެ ކްލަބް ދޫކޮށްލާފަ އެވެ. އޭނާ މި ވަގުތު ހުރީ ކުޅޭނެ އެއްވެސް ކްލަބެއް ނެތި އެވެ.
އޭނާގެ ފަހަތުގައި އޮތް އިންވެސްޓަރަށް ސެވިއްޔާ ވިއްކާނަމަ، އަލުން އެ ކްލަބަށް އޭނާ ކުޅެފާނެ އެވެ. ނަމަވެސް އޭނާ އަށް ކުޅެވޭނީ ކްލަބް ހިންގުމުގައި އެއްވެސް ހިއްސާއެއް ނެތް ނަމަ އެވެ.
ކާމިޔާބު ސްޕޯޓިން ޕްރޮޖެކްޓެއް ކުރިން އޮތް ސެވިއްޔާ އޮތީ މާލީ ގޮތުން އަޑިއަޅާލާފަ އެވެ. ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމަށް، އެ ކާމިޔާބު މިހާރު ތަކުރާރެއް ނުކުރެވެ އެވެ. އަދި 210 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ކްލަބްގައި އެބައޮތެވެ.
އެ ކްލަބްގެ ހިއްސާދާރުން ބެހިފައިވަނީ ފަސް ކުންފުންޏެއް ހިމެނޭ ކޮންސޯޓިއަމެއްގެ މައްޗަށެވެ. އެއީ އެ ކްލަބްގެ ކުރީގެ ރައީސް ހޯޒޭ މާރިއާ ޑެލް ނިޑޯގެ ޑެލް ނިޑޯ އާއިލާގެ 24 ޕަސަންޓް ހިއްސާ، ސެވިއްޔަސްޓަސް ނާވިއޯން ގުރޫޕްގެ 22 ޕަސަންޓް ހިއްސާ، އެ ކްލަބްގެ ކުރީގެ ރައީސް ރަފައެލް ކެރިއޮންގެ 15 ޕަސަންޓް ހިއްސާ އަދި ސެވިއްޔާ ސަޕޯޓަރުންގެ މައިނޯރިޓީ ހިއްސާދާރުންގެ ގުރޫޕްގެ 15 ޕަސަންޓް ހިއްސާ އެވެ.
ސްޕެއިންގެ ސެވީލަށް އުފަން ރާމޯސް 2004 ގައި ކެރިއާ ފެށީ ސެވިއްޔާއިންނެވެ. ޖެހިގެން އައި 2005 ވަނަ އަހަރު އޭނާ ބަދަލުވީ ރެއާލް މެޑްރިޑަށެވެ. އެ ކްލަބްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ފްރާންސްގެ ޕީއެސްޖީގައި އެއް އަހަރު އޭނާ ހޭދަކުރި އެވެ. އެއަށް ފަހު 2023-2024 ގެ ސީޒަނުގައި ސެވިއްޔާ އަށް ބަދަލުވި އެވެ.