ލުއި ލޯނާއި ކްރެޑިޓް ކާޑަށް 8.7 ބިލިއަން ރުފިޔާ ބޭންކްތަކުން ދޫކޮށްފައިވާކަން މަރުކަޒީ ބޭންކް އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު ވަނީ މިއަހަރު ފެށުނު އިރު ހުރި ވަރަށް ވުރެ 15 ޕަސެންޓް އިތުރުވެފަ އެވެ.
މިއަހަރު ޖެނުއަރީ މަހު ލޯނާއި ކްރެޑިޓް ކާޑަށް ދޫކުރި ފައިސާގެ އަދަދު ހުރީ 7.6 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ، މިދިޔަ 11 މަސް ތެރޭ އެ އަދަދު ވަނީ 1.1 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި ލުއި ލޯނާއި ކްރެޑިޓް ކާޑަށް ދޫކުރި އަދަދު ވަނީ އާދަޔާ ހިލާފަށް އިތުރުވެފަ އެވެ. އެންމެ ބޮޑު ބަދަލެއް ފެނިފައިވަނީ 2023 އިން 2024 އަށެވެ. އެ މުއްދަތުގައި އަމިއްލަ ފަރާތްތަކުން ލޯނާއި ކްރެޑިޓް ކާޑަށް ނެގި ފައިސާގެ އަދަދު ވަނީ 1.7 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި ލޯނާއި ކްރެޑިޓް ކާޑަށް ނެގި އަދަދު ވަނީ 141 ޕަސެންޓަށް އިތުރުވެފަ އެވެ. ބޭންކްތަކުން އަމިއްލަ ފަރާތްތަކަށް 2020 ވަނަ އަހަރު ދޫކޮށްފައިވަނީ 3.6 ބިލިއަން ރުފިޔާ އެވެ.
ޓޫރިޒަމް ފިޔަވައި އެންމެ ގިނަ ލޯނު ބޭންކްތަކުން ދޫކުރަނީ ކްރެޑިޓް ކާޑާއި ލުއި ލޯނަށެވެ.
ބޭންކްތަކުން ލޯނާއި ދަރަނީގެ ގޮތުގައި މިހާތަނަށް ދޫކޮށްފައިވާ އަދަދު 47.4 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ އަހަރު ފެށުނު އިރު ހުރި އަދަދަށް ވުރެ އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.