އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާއަކުން ފައިސާ ހޯދަން ހުށަހަޅާފައިވާތީ، އެ ދެ މީޑިއާއަށް ފައިސާ ދިނުން މަޑުޖައްސާލައި، 39 މީޑިއާއަށް ފައިސާ ދިނުމަށް ޔޫތު މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.
މީޑިއާ ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މާލީ އެހީ ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 57 މީޑިއާއަކުން ޕޯޓަލްގައި ޕްރޮފައިލް ކްރިއޭޓު ކޮށްފައިވާއިރު އޭގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާއެއް ކަމަށެވެ.
އެ 41 މީޑިއާގެ ތެރޭގައި އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާއެއް ފާހަގަކުރެވިގެން އެ ފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމަށް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ "އެމްވީ ޕްލަސް" އަދި "ކޯޕަރޭޓް މޯލްޑިވްސް މެގަޒިން" އެވެ.
އެމްވީ ޕްލަސްއަށް 684،000ރ. ދޭން ނިންމާފައިވާއިރު ކޯޕަރޭޓް މޯލްޑިވްސް މެގަޒިން އަށް 690،000ރ. ދޭން ނިންމާފައިވެ އެވެ. ކޮމިޝަނުން ބުނީ އެ ދެ މީޑިއާގެ މައްސަލަ ހައްލުވަންދެން އެ ފައިސާ ހޯލްޑްކޮށްފައި ބަހައްޓަން މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ.
ނަމަވެސް، ބާކީ 39 މީޑިއާއަށް ފައިސާ ދިނުމުގެ މަސައްކަތް ޔޫތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރަމުން އަންނަ ކަަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
ކޮމިޝަނުން ބުނި ގޮތުގައި މިހާރު ދައުލަތުގެ އެހީ ލިބިގެންދާނީ ޖުމްލަ 40 މީޑިއާއަށް ކަމަށެވެ.
މީޑިއާ ކޮމިޝަނުން ބުނި ގޮތުގައި މާލީ އެހީތެރިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކަށް ލިބޭ މާކްސް ޕޯޓަލުގެ ތެރެއިން އާންމުކޮށް ފެންނަން ހުންނާނެ އެވެ.
މީޑިއާ ކޮމިޝަނުން ބުނީ، މާކްސް ދިނުމުގައި ބަލާފައި ވަނީ މީޑިއާގެ މުއްދަތާއި މުވައްޒަފުންގެ އަދަދާއި މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްރޮފައިލާއި ކޮންޓެންޓުގެ ބާވަތާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި އިދާރީ އިންތިޒާމުތަކަށް ކަމަށެވެ.
މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން މީޑިއާތަަކަށް ދިނުމަށް 28 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ.