ރަޖިސްޓަރީ ކޮށްގެން ހިންގާތާ އަހަރު ދުވަސްވެފައިވާ ހުރިހާ މީޑިއާއަކަށް ވެސް އެހީ ދިނުން ހިމެނޭ ގޮތަށް މީޑިއާތަކަށް ދައުލަތުން ފައިސާގެ އެހީ ދިނުމުގެ އުސޫލަށް މިދިޔަ ހަފުތާގައި ގެނައި ބަދަލާ އެކު، 41 މީޑިއާއެއް މާލީ އެހީއަށް ޝަރުތު ހަމަވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މީޑިއާތަކަށް ދައުލަތުން މާލީ އޭހީދޭނެ އުސޫލު ފުރަތަމަ އެކުލަވައިލީ ޔޫތު މިނިސްޓްރީންނެވެ.

އޭރު އެކުލަވައިލި އުސޫލުގައިވާ ގޮތުން އެހީ ދިނުމުގެ އެއް ޝަރުތަކީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ ތިން އަހަރު ވެފައި ވުމެވެ. ފައިސާ ދޭނެ އަދަދު ކަނޑައެޅުމުގައި މީޑިއާތަކުގެ މުވައްޒަރުންގެ އަދަދަށް ރިއާޔަތް ކުރުމެއް އެ އުސޫލުގައި ނެތްއިރު އޭރު މާލީ އެހީއަށް ޝަރުތު ހަމަވީ އެންމެ 18 މީޑިއާ އެވެ.

އެހެންވެ، އެ ޝަކުވާ ބޮޑުވެ އެ އުސޫލު އުވާލައި، މީޑިއާ ކޮމިޝަނާ ހަވާލުކޮށްގެން ފަހުން ސަރުކާރުން ވަނީ އެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.

މީޑިއާ ކޮމިޝަނުން ބުނީ، މާލީ އެހީ ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 57 މީޑިއާއަކުން ޕޯޓަލްގައި ޕްރޮފައިލް ކްރިއޭޓު ކޮށްފައިވާއިރު އޭގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާއެއް ކަމަށެވެ.

އެއީ ޖެނުއަރީ 1، 2024 ގެ ކުރިން ރަޖިސްޓަރީކޮށް ލައިސަންސް ލިބި މެދުކެނޑުމެއް ނެތި ހިންގަމުންދާ އަމިއްލަ މީޑިއާތަކަށް ހާއްސަކޮށް ހުޅުވާލި ފުރުސަތެކެވެ.

މީޑިއާ ކޮމިޝަނުން ބުނި ގޮތުގައި މާލީ އެހީތެރިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކަށް ލިބޭ މާކްސް ޕޯޓަލުގެ ތެރެއިން އާންމުކޮށް ފެންނަން ހުންނާނެ އެވެ.

ކޮމިޝަނުން ބުނި ގޮތުގައި، އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވުމާ އެކު، ޝަކުވާއަށް ހުޅުވާލުމުން ކޮމިޝަނަށް އަށް ޝަކުވާއެއް ލިބުނެވެ. އަދި އެކަމާ ގުޅޭ ރިވިއު ކޮމިޓީން ބަލައި ދިރާސާކުރުމަށް ފަހު، އޭގެ ތެރެއިން ތިން ފަރާތެއްގެ ޝަކުވާ ބަލައިގަތެވެ.

މީޑިއާ ކޮމިޝަނުން ބުނީ، މާކްސް ދިނުމުގައި ބަލާފައި ވަނީ މީޑިއާގެ މުއްދަތާއި މުވައްޒަފުންގެ އަދަދާއި މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްރޮފައިލާއި ކޮންޓެންޓުގެ ބާވަތާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި އިދާރީ އިންތިޒާމުތަކަށް ކަމަށެވެ.

މީޑިއާ ކޮމިޝަނުން ބުނީ މީޑިއާތަކަށް މާލީ އެހީ ދޫކުރާނީ ޔޫތު މިނިސްޓްރީ އާއި އެ ކޮމިޝަނާ ދެމެދުވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމުން، އެ މިނިސްޓްރީން ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިގެން ކަމަށެވެ. އަދި ޝަރުތު ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމްލަ ލިބޭ އަދަދު، އެއް ޕޭމަންޓެއްގެ ގޮތުގައި ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެެ.

މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން މީޑިއާތަަކަށް ދިނުމަށް 27 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ.