ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމާއި ޝަކުވާތައް ބަލައި، ފިޔަވަޅު އެޅުމުގެ ގަވާއިދު މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އާއްމުކޮށްފި އެވެ.

މީޑިއާ ކޮމިޝަންގެ ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނުންވަނީ، މީޑިއާއާ ގުޅޭ ތިން ގަވާއިދެއް މިއަދު ގެޒެޓްކޮށް، އަމަލުކުރަން ފަށައިފަ އެވެ. އެއީ، މީގެ ކުރިން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ތަންފީޒުކުރަމުން ދިޔަ ގަވާއިދުތަކެވެ. 

އެ ގަވާއިދުތަކަކީ؛

- އެއްވުމާ ގުޅޭގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު

- ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ގަވާއިދު

- މީޑިއާ ކޮމިޝަނަށް ހުށަހަޅޭ މައްސަލަތައް ބެލުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދު

އާ ކޮމިޝަނުން ނެރުނު ގަވާއިދުގައި ހުރީ މީގެ ކުރީގެ ގަވައިދުގައި ވެސް ޖުމްލަކޮށް ހުރި ކަންކަމާއި މީޑިއާ ކޮމިޝަންގެ ގާނޫނުގައި ހިމެނޭ ކަންކަމެވެ. 

ޝަކުވާ ބެލުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދުގައިވަނީ އެ ކޮންޓެންޓެއް އާއްމުކުރިތާ 45 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ޝަކުވާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ޝަކުވާ ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

ސުލޫކީ މިންގަނޑުގެ ދަށުން ކަނޑައަޅާފައިވާ ލައިސަންސް ދިނުމުގެ ޝަރުތުތަކާ ހިލާފުވާ ބްރޯޑްކާސްޓަރުން 50،000ރ. އާއި 250،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި ނޫސް މަޖައްލާއެއް ނަމަ 5،000ރ. އާއި 100،000ރ. ގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

އޭގެ އިތުރުން  ކޮމިޝަނުން އިސްލާހުކުރަން އަންގާ ކަންތައް އިސްލާހުކުރުން ނުވަތަ އާއްމުކޮށް މައާފަށް އެދުން ނުވަތަ އެ މީޑިއާއެއްގެ ލައިސަންސް ނުވަތަ ރަޖިސްޓްރީ ބާތިލްކުރަން ކޯޓަށް ހުށަހެޅުމުގެ ބާރު ވެސް އެ ގަވާއިދުގެ ދަށުން ކޮމިޝަނަށް އޮވެ އެވެ.

ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަށްފަހު، މީޑިއާ ކޮމިޝަންގެ ނަމުގައި ވަކި އިދާރާއެއް އުފެއްދީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަމަލުކުރަން ފެށި ގާނޫނުގެ ދަށުންނެވެ.