ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި ޖަލަށް ހުކުމްކުރި "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މިއަދު ދޫކޮށްލައިފި އެވެ. 

ކްރިިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، ޝަހުޒާން 15 ދުވަހަށް ޖަލަށް ލީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވުމާ އެކު، ހުޅުމާލެ ޖަލުން އޭނާ މިއަދު ހެނދުނު ވަނީ ދޫކޮށްލައިފަ އެވެ. 

ޝަހުޒާންގެ އިތުރުން ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި "އަދަދު" ނޫހުގެ އެހެން ނޫސްވެރިއެއް ކަމަށްވާ ލިވާން އަލީ ނަސީރު ވެސް ޖަލަށް ލި އެވެ. ލީވާން ޖަލަށް ލީ 10 ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން މި މަހުގެ 22 ވަނަ އޭނާ ވެސް ވަނީ ޖަލުން ދޫކޮށްލައިފަ އެވެ.

"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނީ އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުގެ ދައުވާގެ މައްސަލައިގެ ތެރެއިން ދައުލަތުން އެދިގެންނެވެ. 

ޝަހުޒާން ޖަލަށް ލާން ހުކުމްކުރީ "އަދަދު" ނޫހުން ނެރުނު އެ ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ. 

ލީވާން ޖަލަށް ލީ އެ އަމުރާ ގުޅޭ ޚަބަރެއް ލިޔުނު ގޮތަކުން ކަމަށް ބުނެ އެވެ.

15 ދުވަހު ޖަލު ބަންދުގައި ހުރުމަށް ފަހު "އަދަދު" ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ޖަލުން ދޫކޮށްލި ވަގުތު އެތަނުގެ ބޭރުގައި ތިބި މީހުންނާ އެކު.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
15 ދުވަހު ޖަލު ބަންދުގައި ހުރުމަށް ފަހު "އަދަދު" ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ޖަލުން ދޫކޮށްލި ވަގުތު އެތަނުގެ ބޭރުގައި ތިބި މީހުންނާ އެކު.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ ދެ ނޫސްވެރިން ދޫކޮށްލަން ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް ގޮވާލިއިރު، މާލޭގައި އެކަމަށް ގޮވާލައި ނޫސްވެރިންގެ އިތުރު ބައެއް ސިޔާސީ ޕާޓީތަކުން ވެސް ސިލްސިލާ މުޒާހަރާތައް ބާއްވާފައިވެ އެވެ. 

ލީވާން އާއި ޝަހުޒާންއާ މެދު ޖަލުގައި އަމަލު ކުރާ ގޮތުގެ ތަހުގީގެއް ހިންގަން ވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމާފައިވެ އެވެ. 

ވީޑިއޯ ޑޮކިއުމެންޓްރީގެ މައްސަލާގައި ފިޔާޒު އާއި ހަސަންގެ ޝަރީއަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.