މީޑިއާތަކަށް ފައިސާ ދޫކުރުމުގައި ޔޫތު މިނިސްޓްރީގެ އެއްވެސް ދައުރެއް މިހާރު ނޯންނާނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާތާ އަހަރު ދުވަސްވެފައިވާ ހުރިހާ މީޑިއާއަކަށް ވެސް އެހީ ދިނުން ހިމެނޭ ގޮތަށް މީޑިއާތަކަށް ދައުލަތުން ފައިސާގެ އެހީ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސް މިދިޔަ ހަފުތާގައި އާންމުކުރި އެވެ.
އެ ބަދަލާއެކު 41 މީޑިއާއެއް މާލީ އެހީއަށް ޝަރުތު ހަމަވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ. އެ ފައިސާ މީޑިއާތަކަށް ދޫކުރުމުގެ ކަންކަން ޔޫތު މިނިސްޓްރީ މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
މީޑިއާތަކަށް ފައިސާ ދޫކުރުމުގެ ކަންކަން ޔޫތު މިނިސްޓްރީން ކުރިއަށް ގެންދިޔައިރު އާންމުކުރި ލިސްޓުގައިވާ ގޮތުގައި، އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދުގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ.
އޭރުގެ ލިސްޓުގެ ސައްހަކަމާއި ފައިސާ ދޭން ނިންމީ އެންމެ ރަނގަޅަށްތޯ މިއަދުގެ މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ އެ މިނިސްޓްރީން ކަމަށް ވިޔަސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މީޑިއާތަކުން ފާހަގަކޮށްފައިވާތީ އެކަން ގަބޫލުކުރި ކަމަށެވެ.
އެހެންވެ އެ މަސައްކަތް އެންމެ ފަހުން ފުރިހަމަ ކޮށްފައި ވަނީ މީޑިއާ ކޮމިޝަނާ ހަވާލު ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން [މީޑިއާ ކޮމިޝަނުން ކަނޑައެޅި ލިސްޓު] އެ ފޮނުވަނީ އެއްވެސް އުނިއިތުރު ކުރުމަކާއި ނުލައި. މިނިސްޓްރީން އެކަން ކުރިއިރު ވެސް އަޅުގަނޑުމެންގެ އެއްވެސް ދައުރެއް ނޯންނާނެ. އެޗެއް ބަދަލުކޮށް އެއްވެސް ކަމެއް ކުރުމުގެ ބާރެއް ނޯނާނެ މިނިސްޓްރީއަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ އެކަމުގައި. އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަނީ، މީޑިއާ ކޮމިޝަނުގެ ނިންމުން ތަންފީޒު ކޮށްދިނުމަށް އެދި. އެ ބޭފުޅުން މިއަދު ފޮނުވާފިއްޔާ މިއަދު ވެސް އަޅުގަނޑު ފިނޭންސަށް ފޮނުވާނަން. އެއްވެސް މިނިޓެއް ވެސް މަޑެއް ނުކުރާނަން އެކަމުގައެއް."
މިވަގުތު މިނިސްޓްރީއަށް ލިބިފައި އޮތީ މީޑިއާތަކަށް ޕޮއިންޓު ލިބިފައިވާ ގޮތުގެ ލިސްޓެއް އެކަނި ކަމަށް ވިޔަސް އެކަށީގެންވާ ގޮތެއްގައި އެކަން ކުރުމަށް، އިތުރު މައުލޫމާތު ހޯދަން މީޑިއާ ކޮމިޝަންގައި އެދިފައިވާނެ ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
އެ މަސައްކަތުގައި މިނިސްޓްރީގެ ދައުރަކީ މިހާރު މެދުވެރިއެއްގެ ދައުރު ކަމުން މިހާރު ކުރަމުންދާ މަސައްކަތަކީ ތަފުސީލްތައް ލިބުމާ އެކު މީޑިއާތަކަށް ފައިސާ ދިނުމަށް ފިނޭންސަށް ފޮނުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީޑިއާ ކޮމިޝަނުން ބުނީ، މާލީ އެހީ ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 57 މީޑިއާއަކުން ޕޯޓަލްގައި ޕްރޮފައިލް ކްރިއޭޓު ކޮށްފައިވާއިރު އޭގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާއެއް ކަމަށެވެ.
އެއީ ޖެނުއަރީ 1، 2024 ގެ ކުރިން ރަޖިސްޓަރީކޮށް ލައިސަންސް ލިބި މެދުކެނޑުމެއް ނެތި ހިންގަމުންދާ އަމިއްލަ މީޑިއާތަކަށް ހާއްސަކޮށް ހުޅުވާލި ފުރުސަތެކެވެ.
މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން މީޑިއާތަަކަށް ދިނުމަށް 27 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ.