ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީކުރަން ދިން މުއްދަތު މިއަދު އިތުރުކޮށްފި އެވެ. 

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އެކުލަވާލި "ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ގަވައިދު" ގެ ދަށުން މީޑިއާތައް އަލުން ރީރަޖިސްޓްރީކުރަން ހުޅުވާލީ މީގެ ހަ މަސް ކުރިންނެވެ. ކުރިން އޮތްގޮތުން އެ މުއްދަތު މާދަމާ ހަމަވާނެ އެވެ.

ނަމަވެސް މީޑިއާ ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ މީޑިއާތައް ރީރަޖިސްޓްރީވުމަށް އިތުރު ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

އެ ކޮމިޝަނުން މިދިޔަ އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ރީރަޖިސްޓްރީވުމަށް މިހާތަނަށް 162 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރަޖިސްޓްރީ އާކުރަން ހުށަހެޅި 94 ފޯމު އަދި އަލަށް ރަޖިސްޓްރީކުރަން ހުށަހެޅި 68 ފޯމު ހިމެނެ އެވެ. 

އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީނުކުރާ މީޑިއާތަކުގެ ހުއްދަ ބާތިލްވާނެ ކަމަށް މީޑިއާ ކޮމިޝަނުން ކުރިން ބުނެފައިވެ އެވެ.